މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، ހުވައި ކުރެއްވުމަށްޓަކައި ބާއްވަން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނޮވެމްބަރު 17 ގައި ބޭއްވުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން މިއަދު ބުނީ ގާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވައި ކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކަމުން, 17 ނޮވެންބަރު ވާ ހުކުރު ދުވަހު އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް އެ އިދާރާއިން ކުރިއަށް ގެންދާ ކަމަށެވެ.

މިދިޔަ ހޮނިިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ވާދަކުރައްވައި ޑރ.މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 129159 ވޯޓާއެކުއެވެ. އެއީ ވޯޓުލީ މީހުންގެ %54.03 އެވެ. ރައީސް ސާލިހަށް ލިބިވަޑައިގަތީ 109868 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %45.96 އެވެ.

މަޖިލިހުން 17 ނޮވެމްބަރުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނުހަނު އަވަސްކޮށް މަސައްކަތް ކުރަމުންދާއިރު، ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިއަދު ނޫސްވެރިންގެ ބައްދަލުކުރުމުގައި ވިދާޅުވީ ނޮވެމްބަރު 11 ގައި ހުވައި ކުރުމުގެ ރަސްމިއްޔާތު ބޭއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ގާނޫނީ މަސައްކަތް ނިމި މައްސަލައެއް ނުޖެހޭނަމަ 17 އިގެ ބަދަލުގައި 11އިގަ ހުވައި ކުރުމުގެ ރަސްމިއްޔާތު ބޭއްވޭނެ ކަމަށެވެ.