ނިޒާމީ ވޯޓު ނަގަން ކުރަން ޖެހޭ ކަންކަން ކުރުމަަށް އިތުރު ވަގުތު ދިނުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އެދިވަޑައިގެންފިއެވެ.

އީސީން މިކަން ހާމަކޮށްފައިވަނީ، އެކްސް.ކޮމްގައި އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބު ކުރެއްވި ޕޯސްޓެއްގައެވެ. މީގެއިތުރުން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އީސީއިން މަޖިލިސް އިދާރާއަށް ފޮނުވި ސިޓީއާ ބެހޭ ގޮތުން ބަހުސް ކުރައްވައިފައެވެ.

މަޖިލީހުގެ އަމީން އާއްމުގެ ނާއިބު މިއަދު މަޖިލީހަށް އިއްވެވި ސިޓީގައި ބުނެފައިވަނީ ނިޒާމީ ވޯޓާ ގުޅޭ މަަސައްކަތްތަކަށް ހޭދަވާނެ ވަގުތު ވަޒަންކޮށް، ވޯޓު ނެގޭނެ ކަމަށް ކޮމިޝަނަށް ފެންނަ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ. އޭގެ އިތުރުން ވޯޓުގައި ރައްޔިތުންނަށް ހުށަހަޅާނެ ސުވާލުގެ އިބާރާތާއި ވޯޓާ ގުޅޭ މައުލޫމާތު ކަރުދާހެއް ފޮނުވައިދޭން ވެސް ކޮމިޝަނުން އެދިފައިވެއެވެ.

އެކްސް.ކޮމްގައި އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބު ކުރެއްވި ޕޯސްޓުގައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން، އިންތިހާބެއް ބޭއްވުމަށްޓަކައި މަދުވެގެން 45 ދުވަސް ބޭނުންވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެއީ އިންތިހާބަށް އިއުލާން ކުރުމާއި، ރަޖިސްޓަރީ އާންމުކޮށް ޝަކުވާ އަށް ހުށަހެޅުމާއި، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި، އޮފިޝަލުން ތަމްރީން ކުރުމާއި، ކެމްޕެއިން ކުރުމާއި ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމާއި، ވޯޓު ކަރުދާސް ތައްޔާރުކޮށް ޗާޕުކުރުން ފަދަ ކަންކަމަށް ވަގުތު ބޭނުންވާތީ ކަމަށް އެޕޯސްޓުގައި ހަބީބު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ހަބީބު ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރައްވައި، އީސީއިން ފޮނުއްވި ވަގުތަކީ، ރިޔާސީ އިންތިހާބުގެ މަސައްކަތް ހިނގަމުން އައި ވަގުތާ އެއް ވަގުތަކަށް ވެފައި، އެފަދަ ވަގުތެއްގަައި ކޮމިޝަނަށް މަދުވެގެން 30 ދުވަހުގެ މުއްދަތެއް ލިބިއްޖެނަމަ، މި މަހުގެ 30 ގެ ކުރިން އީސީއިން އެފަދަ ވޯޓެއް ނެގިދާނެ ކަމަށް ދެންނެވިފައިވީ ނަމަވެސް މިއަދާ ހަމަޔަށްވެސް ރައްޔިތުންގެ މަޖިލީހުން ކޮމިޝަނުން އެދިވަޑައިގެންނެވި ކަންކަމާ މެދު ގޮތެއް ނިންމަވާފައި ނުވާތީ، މި މަހުގައި ވޯޓު ނެގެން ނެތްކަމަށެވެ.

އެގޮތުން ވޯޓާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ވޯޓާ ގުޅޭ ކަންކަމަށް ވަގުތު ބޭނުންވާ ކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން މަޖިލީހަށް ގަރާރެއް ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.