ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން މާދަމާރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން މާދަމާރޭ 8:30 ގައި އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގޭ) ގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވަގުތީ ނަތީޖާ، އަދި ޖުމްލަ ނަތީޖާ އިލެކްޝަނުން ހާމަކޮށްފައިވާއިރު ދާއިމީ ނަތީޖާ އިއުލާންކުރަން ކުރިން އޮތީ އަންނަ އާދީއްތަ ދުވަހަށް ތާވަލްކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ވާދަކުރައްވައި، މުއިއްޒު ކާމިޔާބު ހޯއްދެވިއިރު، ވެރިކަން ބަދަލުވުމުގެ މަރުހަލާ ވަނީ ފަށައިފައެވެ. އަދި އެކަމަށް ހާއްސަ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލައިފައެވެ.

އިންތިހާބީ ރަައީސް ޑރ. މުއިއްޒު އިންތިހާބަށް ކުރިމަތިލެއްވިއިރު ހުންނެވީ މާލެ ސިޓީގެ މޭޔަރގެ މަގާމުގައެވެ. އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރުކަންވެސް ކުރައްވާފައެވެ.