ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނިޒާމީ ވޯޓަކަށް ގޮސްފިއްޔާ، ރިޔާސީ ނިޒާމު ބޭއްވުމަށްޓަކައި އަމަލީގޮތުން މަސައްކަތްކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ އިމާދުއްދީން ސްކޫލުގައި ރޭގައި ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރިޔާސީ ނިޒާމު އަދި ބަރުލަމާނީ ނިޒާމުގައި ވެސް ރަނގަޅު ކަންތައްތަކަކާއި ގޯސް ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ.

"އެންމެ ރަނގަޅު ނިޒާމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ރިޔާސީ ނިޒާމު. އަޅުގަނޑުގެ ތާއީދުވެސް އޮތީ ރިޔާސީ ނިޒާމަކަށް ނިޒާމީ ވޯޓަކަށް ގޮސްފި ކަމަށް ވަންޏާ، ރިޔާސީ ނިޒާމު ބޭއްވުމަށްޓަކައި އަޅުގަނޑު އަމަލީގޮތުން ވެސް މަސައްކަތްކުރާނަން،" ރައީސް ސާލިހު ވިދާޅުވިއެވެ.

އިންތިހާބުން ނާކާމިޔާބު ވިޔަސް، މަޑުން ނުތިބެ އެމްޑީޕީން ސަރުކާރު ޒިންމާދާރު ކުރުވަން ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި އެ މަސައްކަތަށް ފުރިހަމަ އެހީތެރިކަން ޕާޓީއަށް ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޒިންމާދާރުކަމާ އެކީގައި އެމްޑީޕީން އެ މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ޑިމޮކްރަސީއެއްގެ ވެރިކަމުގައި ތިބެ މަސައްކަތްކުރުމާއި އިދިކޮޅުގެ ގޮތުގައި މަސައްކަތްކުރުން އޮންނާނެ ކަމަށާއި ދެން އޮތް އަމާޒަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރެއްވުން ކަމަށެވެ. އެ އިންތިހާބަށް އަދި 2028ގައި އަލުން އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް ވެސް އެމަނިކުފާނުގެ އެހީތެރިކަން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ސަރުކާރުގެ އެންމެ މުހިންމު މަސައްކަތަކީ އަމާންކަމާއެކު ސަރުކާރު ބަދަލުވުމުގެ މަސައްކަތަށް އެއްބާރުލުން ދިނުން ކަމަށާއި ދެން އޮންނަ ވެރިކަމަކަށް މަސައްކަތްތައް ފަސޭހަވާނެ ގޮތަކަށް ކަންކަން ކޮށްދެއްވާނެ ކަމަށެވެ.