ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވޯޓަކަަށް ދާ ނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް އެެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރާ ކަމަށް ބަޔާންކޮށް، ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ.

ރިޔާސަތުން ހުށަހެޅި ގޮތަށް ބަރުލަމާނީ ނިޒާމަށް ތާާއީދުނުކުރުމަށް ގައުމީ މަޖިލީހުން ނިންމީ ބައްދަލުވުމުގައި ހާޒިރުވެ ތިބި 90 މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށެވެ. ރޭ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ނިޒާމީ ވޯޓަކަށް ހިނގައްޖެ ނަމަ، އެ ނިޒާމު ބޭއްވުމަށް އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އާއްމު ވޯޓެއް ނަގަން، ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ދަނީ މަސައްކަތް ކުރަމުންނެވެ.