މިހާރުވެސް ހުންނެވީ ދެހާސް ބާރަވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުމުން އޭރު ހުންނެވި ވަރުގަދަ ރޫހުގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީމަޖިލީހުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދެހާސް ބާރަ ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުމާއެކު ޖެހިގެން އައި ދުވަހު އެޕާޓީން ނުކުމެ ގަދައަށް މަސައްކަތް ކުރިކަމަށެވެ. ނަތީޖާއަކަށްވީ ޖެހިގެން އައި އިންތިހާބު ކާމިޔާބު ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިފަހަރު ވެސް އެ ރޫހު އެގޮތަށް އެބަހުރި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ބަައްދަލުވުމުގައި ރައީސް ވިދާޅުވީ މިފަަހަރުގެ އިންތިޚާބު ނާކާމިޔާބު ވިޔަސް އެމްޑީޕީގެ އަމާޒަކަށް ވާންވާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ގަދަފަދަކޮށް އޮތުން ކަމަށެވެ.
އެހެން ޕާޓީތަކާ ޚިލާފަށް އެމްޑީޕީއަކީ ހިތްވަރުގަދަ ވަރުގަދަ ޕާޓީއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުން ޕީޕީއެމް ބަލިވުމުން ލިބުނު މާޔޫސްކަމުގެ ސަބަބުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައިި މަސައްކަތްތައް ފެށުނީ އަހަރުދުވަސް ފަހުން ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީ އޮތީ އިންތިހާބު ނިމި، ލިބުނު ނާކާމިޔާބާއެކު އޮޕޮޒިޝަންގެ ގޮތުގައި ޖެހިގެން އައި ދުވަހު ނުކުމެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ރައީސް ވިިދާޅުވީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރަން ތާއީދު ނުކުރައްވާ ކަމަށެވެ. އެ ނިޒާމާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަތް ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.