މިވަގުތު ރާއްޖެއަށް ބޭނުން ވަނީ ބަރުލަމާނީ ނިޒާމު ނޫން ގޮތެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ގޮތް ނިންމުމަށް ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް އިތުރަށް ވިދާޅުވީ 17 އަހަރުވީއިރު ގާނޫނު އަސާސީއަށް ރަނގަޅަށް އަހުލުވެރި ނުވާ ކަމަށާއި އަދި ލާމަރުކަޒީ ނިޒާމަށް ވެސް ރައްޔިތުން ރަނގަޅަށް އަދި އަހުލުވެރި ނުވާ ކަމަށެވެ.
މީގެއިތުރުން އަސްލަމް ވިދާޅުވީ އެކަން އެގޮތަށް އޮތް އިރު އަނެއްކާ ނިޒާމު ބަދަލުކޮށްގެން ވާނުވާއެއް ނޭނގި މިކަމުގެ ތެރޭގައި ތިބެން ނުޖެހޭނެ ކަމަށާއި މިހާރު މިއޮތް ނިޒާމުގެ ތެރެއިން ވެރިކަން ރަނގަޅަށް ކުރެވެމުންދާ މަންޒަރު ފެންނަމުންދާނެ ކަމަށެވެ.
އަދި ރިޔާސީ ނިޒާމުގެ ތެރެއިން ކޯލިޝަން ހަދަން ޖެހުމަކީ މައްސަލައެއް ނޫން ކަމަށާއި އެމްޑީޕީން އަމާޒު ހިފަންވީ ކޯލިޝަން ހަދަން ނުޖެހޭ މިންވަރަށް ރައްޔިތުންގެ ތާއީދު ހޯދުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.