އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައީސުލްޖުމްހޫރިއްޔާގެ ގޮނޑީގައި އިށީނދެވަޑައިގެންނެވުމުގެ ފުރުސަތު ދެއްވަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އިމާދުއްދީން ސްކޫލުގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެމްޑީޕީއަކީ ދެކޮޅުވެރި ޕާޓީއެއް ކަމަށާއި އެމްޑީޕީއަކީ އަބަދުވެސް ޒިންމާދާރު އިދިކޮޅު ޕާޓީއެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ މިހާރު އެތިއްބެވި ތަނަކީ ގާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިން އިންތިހާބެއް ބާއްވައި، ރައީސުލްޖުމްހޫރިއްޔާ ކަމަށް އެމްޑީޕީއާ އިދިކޮޅު ކެންޑިޑޭޓަކު ހޮވުނީމާ އެ އިންތިހާބުވި ބޭފުޅާ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ ގޮނޑީގައި އިށީނދެވަޑައިގެންނެވުމުގެ ކުރިން އެ ގޮނޑި ދަމައިގަތުމަކީ ޒިންމާދާރު އިދިކޮޅު ބައެއް ކަންތައް ކުރައްވާނެ ގޮތެއް ނޫންކަމަށެވެ. ރާއްޖޭގެ ރައްޔިތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ބޭނުންވީ ޑރ މުހައްމަދު މުއިއްޒު ކަމަށްވުމުން އެފުރުސަތު މުއިއްޒަށް ދޭން ޖެހޭނެކަމަށެވެ. އެއީ ޒިންދާމާރު އިދިކޮޅު ޕާޓީއަކުން ކަންތައް ކުރަން ޖެހޭ ގޮތްކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިހާރު މިތިބި ތަނަކީ ގާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިން އިންތިހާބެއް ބާއްވައި، ރައީސުލްޖުމްހޫރިއްޔާ ކަމަށް އަޅުގަނޑުމެންނާ އިދިކޮޅު ކެންޑިޑޭޓަކު ހޮވުނީ. ހޮވުނީމާ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެންގެ ވިސްނުމެއް އޮވެގެން ނުވާނެ އެ އިންތިހާބުވި ބޭފުޅާ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ ގޮނޑީގައި އިށީނދެވަޑައިގެންނެވުމުގެ ކުރިން އެ ގޮނޑި ދަމައިގަންނަން. އެއީކީ ޒިންމާދާރު އިދިކޮޅު ބައެއް ނޫން. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެން އެމަނިކުފާނަށް އެ ފުރުސަތު އަރުވަން ޖެހޭ. އެއީ ދިވެހިރާއްޖޭގެ ރައްޔިތުން ބުނެފައި އެ އޮތީ ތިމަންނަމެން ރައީސުލްޖުމްހޫރިއްޔާއަކަށް ބޭނުންވަނީ ޑރ. މުއިއްޒޭ. އެހެންވީމާ ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާ އެ ގޮނޑީގައި އިށީނުމުގެ ފުރުސަތު ދޭން ޖެހޭ،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންތިހާބުން ބަލިވި ނަމަވެސް، މިއީ ހިތަށް މާބޮޑު މާޔޫސްކަމެއް ގެންނަންވީ ވަގުތު ނޫން ކަމަށާއި މިވަގުތަކީ ހިތްވަރު ގަދަކުރަންވީ ވަގުތު ކަމަށެވެ. އަދި މިވަގުތު އަޒުމު އާކޮށް، އާ ފޯރިއާއި އާ ޖޯޝަކާއެކު ސަފުތައް ރުކުރުވާލަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި މެންބަރުންގެ ރޫހު ހުރީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ނުގެނައުމަށެވެ. އަދި ދަ ޑިމޮކްރެޓްސް އިން ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތްކުރަމުންދަނީ އިންތިހާބީ ރައީސް މުއިއްޒަށް ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް ބައެއް މެންބަރުން ވަނީ ފާހަގަކޮށްފައެވެ.