ތައިލޭންޑުގެ ވެރިރަށް ބެންކޮކްގެ މޯލެއްގެ ތެރޭގައި ދިން ހަމަލާއާއި ގުޅިގެން ދިވެއްސަކަށް އަނިޔާވިތޯ ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ހަމަލާ ދީފައިވަނީ ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ސިއަމް ޕެރެގަން މޯލްގައި ކަމަށް ހަބަރުތައް ވަނީ ބުނެފައެވެ.

މިހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، ހާދިސާ އާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ..

"މިހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެންކޮކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެންދަނީ ބަލަމުން. އަދި ހާދިސާ ހިނގި ވަގުތު އެއްވެސް ދިވެއްސަކު އެ މޯލްގައި ތިބިތޯ ވެސް ދަނީ ބަލަމުން،"
ފޮރިން މިނިސްޓަރީ

މިނިސްޓްރީން ވަނީ މި ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާނަމަ އަދި އެފަދަ މައުލޫމާތެއް ލިބިފައިވާނަމަ ވީއެންމެ އަވަހަކަށް މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 ނުވަތަ ބެންކޮކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަމްބަރު 66611766502+ އަށް ގުޅުއްވުމަށް އެދިފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ހަމަލާދީފައިވަނީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ވަނީ އެކުއްޖާ ހައްޔަރު ކޮށްފައެވެ.