ރަޝިޔާ އާއި ސީދާ ކުރިމަތިލުމަކަށް ދިޔުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ގެންގުޅުއްވާ ވިސްނުންފުޅެއް ނޫން ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ބްލިންކެން ވިދާޅުވީ ރަޝިޔާއިން ޔޫކްރައިނާ ދެކޮޅަށް ހަނގުރާމަ ފެށީއްސުރެ ރައީސް ބައިޑެން ދެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށާއި އޭގެ ތެރެއިން އެއްވިސްނުންފުޅަކީ ރަޝިޔާ އާއި ސީދާ ކުރިމަތިލުމަކަށް ދާން ނުޖެހޭނެ ގޮތައް ގެންގުޅުއްވާ ވިސްނުންފުޅު ކަމަށެވެ. އަދި އެއީ އެމެރިކާ އަށާއި އެމެރިކާގެ ރައްޔިތުންނަށްވެސް އެންމެ ރައްކާތެރި ގޮތް ކަމަށްވެސް ބްލިންކެން ވިދާޅުވިއެވެ.

"ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް ބައިޑަން ދެ ވިސްނުންފުޅެއް ގެންގުޅުއްވާ. އެއްވިސްނުންފުޅަކީ ޔޫކްރައިނަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން. އަދި އެކުވެރި ގައުމުތަކުގެ އެހީތެރިކަން ޔޫކްރައިނަށް ފޯރުކޮށްދެވެމުންދާކަން ކަށަވަރު ކުރެއްވުން. ދެވަނަ ވިސްނުންފުޅަކީ ރަޝިޔާ އާއި ސީދާ ކުރިމަތިލުމަކަށް ދާން ޖެހިދާނެ ކަންކަމުން އެއްފަރާތުގައި ތިބުން. ރަޝިޔާ އާއި އެމެރިކާގެ ސީދާ ކުރިމަތިލުމެއްގައި ކަންކަން ވެގެންދާނެ ގޮތަކީ ތަސައްވުރުކޮށްލަން އުނދަގޫކަންތައްތަކެއް. އަދި މިއީ އެމެރިކާ ރައްޔިތުންނަށްވެސް އެންމެ ފައިދާ ހުރި ގޮތް" ބްލިންކެން ވިދާޅުވިއެވެ.