މާލޭ ސިޓީ ކައުންސިލް ހިންގުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ވަގުތީ ގޮތުން މިއަދު ހަވާލުކޮށްފިއެވެ.

މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފައިވާއިރު އެމަނިކުފާނުވަނީ ވަނީ ހުރިހާ ކައުންސިލަރުންނަށް ޝުކުރު އަދާކުރައްވައި އަދި ހާއްސަކޮށް ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެއްވުނީ މާލެ ސިޓީ ކައުންސިލަރުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކަމަށެވެ.

"އެހެންވީމާ މިއަދަށް ފަހު ދެން ރަސްމީކޮށް ޒިންމާތައް ހަވާލުވެވަޑައިގެން ކުރިއަށް ގެންދަވާނީ ޑެޕިއުޓީ މޭޔަރު ނަރީޝް އިނގޭތޯ. އަޅުގަނޑު އެދެން އަދި ޔަގީންކުރަން ވަރަށް ފުރިހަމައަށް ގެންގޮސްދެއްވާނެ ކަމަށް".
މުއިއްޒު ވިދާޅުވިއެވެ

އަދި މިއަންނަ މަހު 17 ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރައްވަންދެން އެމަނިކުފާނު ހުންނަވަނީ މޭޔަރުގެ މަގާމުގައި ކަމަށާއި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މޭޔަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ބައި-އިލެކްޝަނެއް ބާއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ވަގުތު މޭޔަރުގެ ޒިންމާތައް މިވަގުތު އުފުލެން ނެތްކަން ފާހަގަކުރައްވަމުން މުއިއްޒުވަނީ ޓްރާންސިޝަން ޕީރިއަޑް ނުވަތަ އައު ވެރިކަމަކަށް ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ މަސައްކަތްތަކަށް ފުރިހަމައަށް ވަގުތު ދެއްވަން ބޭނުންފުޅުވާކަމަށާއި އަދި އެހުރިހާ ޒިންމާތަކާއެކު މޭޔަރު ކަމުގެ ޒިންމާ އަދާކުރުމަށް ދޭންޖެހޭ ވަގުތު ނުދެވިދާނެ ކަމަށާއި އެއީ މާލޭ ރައްޔިތުންނަށް ހައްޤު ގޮތް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

އަދި މާލެ ސިޓީ ކައުންސިލަރުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ އެމަނިކުފާނާއެކު ސަރުކާރުގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ސިޓީ ކައުންސިލަށް މި ސަރުކާރުގައި ނުދީ ހުރި ހުއްދަތައް ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.