މުދައްރިސުން ގައުމަށް ކޮށްދޭ ހިދުމަތުގެ މުހިންމުުކަން ރަނގަޅަށް އިހްސާސް ކުރެެއްވޭ ކަމުގައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ހުދު އެމަނިކުފާނު މުދައްރިސެއްގެ ގޮތުގައި ތިން ގައުމެއްގައި މަސައްކަތް ކުރައްވާފައިވާތީ އެއިހުސާސް ވަރަށް ރަނގަޅަށް ކުރެއްވޭކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަދު އެކްސްކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މައުމޫނުގެ މި ޓުވީޓަށް ކޮމެންޓު ކުރައްވައި، އަނީސާ އަހުމަދު ވިދާޅުވެފައި ވަނީ " މުދައްރިސުންގެދުވަހުގެ ތަހުނިޔާ މަނިކުފާނަށް އަރިސްކުރަން. އެއީހަމައެކަނި 3 ޤައުމެއްގައި މުދައްރިސުކަން ކުރައްވާފައިވާތީއެއްނޫން. މިހާރުވެސް އެކިރޮނގުރޮނގުން ޢާއްމުހޭލުންތެރިކަން އިތުރުކުރެއްވުމަށް މެދުނުކެނޑި މަސއްކަތްޕުޅު ކުރައްވަމުން ގެންދަވާތީވެސްމެ." މިފަދައިންނެވެ.
ވެރިކަމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުންވެސް ރައީސް މައުމޫން ގެންދެވީ މެދުނުކެނޑި މުދައްރިސެއްގެ ދައުރު ވެސް އަދާކުރައްވަމުންނެވެ. އެގޮތުން އިސްލާމީ ޝަރީއަތާއި އުސޫލުލްފިގްހުގެ އިލްމުގެ ފިލާވަޅުތައް ކުއްލިއްޔަތުއްދިރާސަތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް ގަވާއިދުން ނަންގަވައިދެއްވަމުން ގެންދެވި އުސްތާޒެކެވެ.
ރައީސް މައުމޫނަކީ ތަޢުލީމް ފެތުރުއްވުމަށް އިސްކަން ދެއްވި ރައީސެކެވެ. އެމަނިކުފާނު ގައުމުގެ ހުންގާނާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ހުރީ ސަރުކާރުގެ އެންމެ ހަތަރު ސްކޫލެވެ. ލިޔަންކިޔަން ދަންނަ މީހުންނަށްވުރެ، ލިޔަންކިޔަން ނުދަންނަ މީހުން ގައުމުގައި އޭރު ގިނައެވެ.
2008 ގައި އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގެންނެވިއިރު، ސަރުކާރުގެ 221 ސްކޫލް ހިނގަމުން ދިޔަކަން އެއީ 30 އަހަރު ދުވަހަކަށް ބަލާނަމަ މަދެއް ނޫނެވެ. އަތޮޅުތަކުގައި މާލެއާ އެއްހަމައެއްގައި މަތީތައުލީމާއި ކޯސްތައްވެސް އޭރު ކުރިއަށްދާތާ ދުވަސްވެސްވެއްޖެެވެ.
1978 ގައި، 65 ޔުނިވަރސިޓީ ގްރެޖުއޭޓުން ތިބިއިރު، އެމަނިކުފާނުގެ ރިޔާސަތުގައި އެއަދަދު 4000 އަށް އިތުރުވެގެން ދިޔައެވެ. ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އޮތީ ހުޅަނގުގެ ގައުމުތަކާ ފައިހަމަކުރެވޭ 99 އިންސައްތައާ ގާތްކުރާ ވަރުގެ އަދަދެއްގައެވެ. ދުނިޔޭގެ ފެންވަރުގެ އިމްތިހާނުތަކުގައި ދިވެހި ދަރިވަރުން "މުޅިދުނިޔެއިން އެއްވަނަ" ނަގަން ފަށާފައިވާއިރު، ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގައި އިސްމަގާމުތަކުގައިވެސް ދިވެހި ތައުލީމީ ހުނަރުހުރި ދަރިން ދިޔައީ މަސައްކަތް ކުރަމުންނެވެ.