ބަންގްލަދޭޝްގައި ހިންގާ ރޫޕޫރު ނިއުކްލިއާ ޕަވަރ ޕްލާންޓް މަޝްރޫއުގެ ތަޖުރިބާއަކީ ނިއުކްލިއާ ވަސީލަތްތައް ނެތް ގައުމުތަކުގައި ނިއުކްލިއާ ހަކަތަ ތަރައްގީ ކުރަން ފެށޭނެ ގޮތުގެ ވިދާ ބަބުޅާ މިސާލެއް ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވެއްޖެ އެވެ.

"ބަންގްލަދޭޝްއަށް ފުރަތަމަ ނިއުކްލިއާ ފެސިލިޓީ ރޫޕޫރު އެންޕީޕީގައި ބޭއްވި ހަފްލާއަށް މަރުހަބާ. ބަންގްލަދޭޝްއަކީ ނިއުކްލިއާ ހަކަތަ ތަރައްގީކުރުމުގައި އަލަށް މިކަމުގެ ތެރެއަށް ވަންނަ ގައުމުތަކަށް ކާމިޔާބީގެ ވާހަކައެއްގެ ގޮތުގައި، އައިއޭއީއޭގެ އިރުޝާދުގެ ދަށުން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މިސާލެއްގެ ގޮތުގައި ދެއްކޭނެ ގައުމެއް" އެކްސް (ކުރިން ޓްވިޓާ) ގައި އޭނާ ލިޔުއްވާފައިވެ އެވެ.

އައިއޭއީއޭގެ ވެރިޔާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން 2041 ވަނަ އަހަރުގެ ނިޔަލަށް އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމަކަށް ބަންގްލަދޭޝް ވުމަށް އެހީތެރިވެދޭނެއެވެ.

ރޫޕޫރު އެންޕީޕީއަށް ފުރަތަމަ ނިއުކްލިއާ ތެޔޮ ފޯރުކޮށްދިނުމުގެ ހަނދާނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވަނީ ވީޑިއޯ ލިންކް މެދުވެރިކޮށް ބައިވެރިވެފަ އެވެ. ރަޝިޔާގެ ރޮސަޓޮމް ސްޓޭޓް އެޓޮމިސެލް އެނާޖީ ކޯޕަރޭޝަންގެ ލީޑަޝިޕުން ވެސް ބައިވެރިވި އެވެ.

ބަންގްލަދޭޝްގެ ފުރަތަމަ ނިއުކްލިއާ އިންޖީނުގެ ކަމަށްވާ ރޫޕްޕޫރު އެންޕީޕީ އަޅަނީ ވެރިރަށް ޑާކާގެ ޕަދްމާ ކޯރުގެ އިރުމަތީ ފަރާތުގައި، ޑާކާއާ 160 ކިލޯމީޓަރު ދުރުގައެވެ. މި ފެސިލިޓީ ޑިޒައިންކޮށް ކޮންސްޓްރަކްޓް ކުރަނީ ރަޝިޔާގެ ރޮސަޓޮމްގެ އިންޖިނިއަރިން ޑިވިޝަނުންނެވެ. މި ޕްލާންޓުގައި ވީވީއާރު-1200 ރިއެކްޓަރުތަކާއެކު ދެ ޕަވަރ ޔުނިޓެއް ހިމެނޭއިރު، އެ ޔުނިޓުތަކުގެ ޚިދުމަތުގެ މުއްދަތު 60 އަހަރަށް ދަންމާލާނެއެވެ.