ސީރިޔާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ހޮމްސްގައި ހުންނަ ސީރިޔާގެ އަސްކަރީޔާގެ އެކަޑެމީއަކަށް ދިން ޑްރޯން ހަމަލާއެއްގައި 116 މީހުން މަރުވެއްޖެއެވެ.

ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތައް އަމާޒުކޮށްފައި ވަނީ ތަމްރީން ފުރިހަމަ ކުރި ސިފައިންގެ އާއިލާތަކުން ބައިވެރިވި ގްރެޖުއޭޝަން ހަފްލާއަކަށް ކަމަށާއި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. ސީރިޔާގެ އަސްކަރީޔާއިން ތުހުމަތުކުރާގޮތުގައި މިއީ ބައިނަލްއަގްވާމީ ބާރުތަކުން ވާގިދޭ ޓެރަރިސްޓް ޖަމާއަތެއްގެ އަމަލެކެވެ.

ސީރިއާގެ ދައުލަތުގެ ނޫސް އެޖެންސީ ސަނާ އިން ރިޕޯޓުކުރިގޮތުގައި ގްރެޖުއޭޝަން ހަފްލާ ނިމުނުތާ މާގިނައިރުތަކެއް ނުވެ ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތަކެއް ހޮމްސްގެ އަސްކަރީ އެކަޑަމީއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދިނީ ކަމަށެވެ.

ހެލްތު މިނިސްޓަރު ހަސަން އަލް ގައްބާޝްއާ ހަވާލާދީ ސީރިޔާގެ ރަސްމީ ނޫސް އެޖެންސީއިން ބުނެފައި ވަނީ މިހަމަލާގައި 277 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ ތެރޭގައި 31 އަންހެނުންނާއި ފަސް ކުޑަކުދިން ހިމެނޭ ކަމަށެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީރިއާގެ ޑިފެންސް މިނިސްޓަރު ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވި ނަމަވެސް ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެސަރަހައްދު ދޫކޮށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ.

އދ. އިން ސީރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގޭއާ ޕެޑަރސަން ވިދާޅުވީ އެކަޑަމީއަށް ދިން ހަމަލާއަކީ "ބިރުވެރި" ހަމަލާއެއް ކަމަށާއި މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއް ހައްޔަރުކުރުމަށް ގޮވާ ލައްވާފައެވެ.