ސިންގަޕޫރުގައި ދުވާލެއްގެ މައްޗަށް ދެހާހެއްހައި މީހުން ކޮވިޑަށް ފައްސިވަމުން އަންނަ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވަޒީރު އޮން ޔީ ކަން ވިދާޅުވެއްޖެއެވެ.

ހަލުވިކޮށް ކޮވިޑް ފެތުރެމުން ދިޔަނަމަވެސް އޮން ޔީ ވިދާޅުވީ މިވަގުތު އިޖްތިމާއީ އެއްވެސް ފިޔަވަޅެއް އަޅަން ގަސްދުކޮށްފައި ނުވާ ކަމަށެވެ. "އެކަމަކު އަޅުގަނޑުމެން އިލްތިމާސް ކުރަން ބަލިމީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި ކުޑަ ކުދިން ބޭރަށް ނިކުމެ އުޅޭއިރު މާސްކް އެޅުމަށް. އެންމެ މުހިއްމު ކަމަކީ ކޮވިޑް ވެކްސިން ނުޖަހައި ތިބި މީހުން ވެކްސިން ޖެހުން" ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި އޮން ޔީ ވިދާޅުވިއެވެ.

2020 ވަނަ އަހަރު މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮވިޑް ވައިރަހުގެ ރާޅުތައް ދޭތެރެ ދޭތެރެއިން ސިންގަޕޫރުގައި ފެތުރެއެވެ. މިއަހަރުގެ އޭޕްރީލް މަހު ދުވާލެއްގެ މައްޗަށް ހަތަރުހާހެއްހައި މީހުންނަށް ސިންގަޕޫރުގައި ކޮވިޑް ޖެހުނުކަން ތަފާސް ހިސާބުތަކުން ދައްކައެވެ.