އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަކީ ކުރީގައި ވެފައި އޮތް ކަމެއްގެ މައްޗަށް ބައްޓަން ކުރާނެ ވެރިކަމަކަށް ނުވާނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަން ވާނީ ކުރީން ކުރެވިފައިވާ ތަޖުރިބާގެ އަލީގައި ބައްޓަން ކުރާ އުންމީދީ ވެރިކަމަކަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ޝިފާޒު މިހެން ވިދާޅުވީ، ރޭ އެ ޕާޓީގެ ރަސްމީ ހަރުގެ "ހައުސް އޮފް ޑިމޮކްރެޓްސް" ގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިފާޒު އިތުރަށް ވިދާޅުވީ ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންނަށް އަނެއްކާވެސް އުންމީދީ ދުވަސްތަކެއް ފެނިގެން ދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޑރ. މުއިއްޒުގެ ވެރިކަމަކީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް އަނެއްކާ ވެސް އުންމީދީ ދުވަސްތަކެއް ފެނިގެން ދާނެ ކަމަށް."
ޝިފާޒް ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ކުރަން ފުރުސަތު ލިބިފައިވާއިރު ޕީޕީއެމަށް ވެސް އެ އަދަދަށް ފުރުސަތު މިހާރު ލިބިފައިވާ ކަަމަށާއި ދިވެހި ރައްޔިތުން ވެސް ތިބީ، އައު ސަރުކާރާއިމެދު އުއްމީދުގައި ކަމަށްވެސް ޝިފާޒް ވިދާޅުވެފައިވެއެވެ.