ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތް އިސްވެ އޮވެ މިއަދު ހެނދުނު އިޒްރޭލާ ދެކޮޅަށް ދޭން ފެށި ހައިރާން ކުރުވަނިވި ބާރުގަދަ ހަމަލާތަކުން އިޒްރޭލުގެ ޒަމާނީ އަސްކަރިއްޔާ ކޮށިއަރުވާލައިފިއެވެ.

ފަލަސްތީނުގެ މުޖާހިދުން އިޒްރޭލާ ދެކޮޅަށް ވަރުގަދަ އަސްކަރީ ހަރަކާތެއް ފަށާފައި މިވަނީ އިޒްރޭލުގެ ހައްދުފަހަނައެޅި ޔަހޫދީންނާއި އަސްކަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަދި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ހައްޔަރުކޮށްގެން ދެމުން އަންނަ ލާއިންސާނީ އަމަލުތައް ހައްދުފަހަނައަޅައި ދިޔުމުންނެވެ. މީގެ އިތުރުން މާތްވެގެންވާ މަސްޖުދުއް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑައި އެތަނުގައި ޔަހޫދީން އަޅުކަން ކުރަން ފެށުމުންނެވެ.

މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލުގެ 40 މީހުން މަރުވެ، 750 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ.

ސޯޝިއަލް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި ފަލަސްތީނުގެ މުޖާހިދުން ވަނީ އިޒްރޭލުގެ ހަތަރު ދިމާއަކުން ފަސޭހަކަމާއެކު އިޒްރޭލަށް ވަދެ ގިނަ އަދަދެއްގެ ސިފައިން ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން ގަދަކަމުން އިޒްރޭލުން އަތުލާފައިވާ ހުޅަނގު އައްސޭރިޔާގައި އާބާދު ކޮށްފައިވާ ޔަހޫދީން އެއަވަށުން ނިކުމެ ރައްކާތެރިކަން ހޯދަން ދުވާ މަންޒަރުވެސް ސޯޝިއަލް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެނެއެވެ. މީގެ އިތުރުން ޔަހޫދީން ޑަސްބިންތަކަށް އެރި ތިބި މަންޒަރުވެސް ބައެއް ވީޑިއޯތަކެއް ފެނެއެވެ.

ފަލަސްތީނު ސަރުކާރުގެ ކުރީގެ ސްޕޯކްސް ޕާސަން ނޫރު އުދޭ އަލްޖަޒީރާއަށް ވިދާޅުވީ ހަމާސް ޖަމާއަތް އިސްވެ އޮވެ އިޒްރޭލަށް މިއަދު ދިން ހަމަލާއަކީ ކުރިން އަންދާޒާ ކުރެވިފައި ނެތްވަރުގެ ބާރުގަދަ ހަމަލާއެއް ކަމަށެވެ. އަދި މިފަދަ ހަމަލާއެއް ހަމާސް ޖަމައާއަތުން ދޭން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް އެއްވެސް ފަރާތަކުން ދީފައި ނުވާ ކަމަށެވެ.

ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކަށް ރައްދު ދިނުމަށް އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ފުލް ސްކޭލް ހަނގުރާމައެއް އިއުލާންކޮށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަލްޖަޒީރާއިން ބުނާ ގޮތުގައި އިޒްރޭލުުގެ ހަމަލާތަކުގައި ފަލަސްތީނުގެ 160 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި ހާހަކަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.