ފްރާންސުން މުސްލިމުންގެ ހައްގުތަކަށް އަރައިގަނެ، މުސްލިމުންނާމެދު ހިތާނެތިކޮށް ހިތާ މައްޗަށް އދއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ހުށަހެޅީ، ދުނިޔޭގެ 13 ގައުމަކަށް ނިސްބަތްވާ ގާނޫނީ ވަކީލުންނާއި، މަދަނީ ޖަމްއިއްޔާތަކާއި، ދީނީ ޖަމާއަތްތައް ގުޅިގެންނެވެ.

ގާނޫނީ ވަކީލުންނާއި، މަދަނީ ޖަމާއަތްތަކާއި، ދީނީ ޖަމާއަތްތަކުން ހޯދި ހޯދުންތަކަށްފަހު އދއަށް ހުށަހެޅި މައްސަލާގައި، ފްރާންސް ދައުލަތުގެ ފަރާތުން އެގައުމުގެ މުސްލިމުންނަށް ދެމުންގެންދާ އަނިޔާއާއި، ހައްގުތައް ނިގުޅައިގަތުމާއި، މުސްލިމުންނާމެދު ތަފާތުކުރާ މައްސަލަ ކުށްވެރިކޮށް އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައި ވެއެވެ.

ހަމަ އެއާއެކު، ފްރާންސްގައި ފާސްކޮށް އަމަލުކުރަމުންދާ ގާނޫނުތަކުން ލިބިދޭ އަސާސީ ހައްގުތަކުންވެސް މުސްލިމުން މަހްރޫމް ކުރާ ކަމަށް، މައްސަލާގައި ބުނެފައި ވެއެވެ.

1989 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ވެރިކަމަށް އައި ސަރުކާރުތަކުން މުސްލިމުންނާމެދު ތަފާތުކޮށް، މުސްލިމުންނާއި އިސްލާމްދީނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތައް ހިންގާފައިވާ ކަމަށްވެސް، އދއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ.

މިސާލެއްގެގޮތުން ފާހަގަކޮށްފައިވަނީ، ފްރާންސް މުސްލިމުންގެ ގެދޮރާއި އިސްލާމީ ޖަމްއިއްޔާތަކުގެ އޮފީސްތައް ބަލައިފާސްކުރުމަށް ފުލުހުން ޖަހާފައިވާ "ޣައިރުގާނޫނީ އަދި އަނިޔާވެރި" ރެއިޑްތަކެވެ.

މިއީ، ފްރާންސް މުސްލިމުންނަށް އިންޒާރު ދިނުމުގެގޮތުން، ރައީސް އިމެނުއެލް މެކޯންގެ ޕްލޭނެއްގެ ދަށުން ކުރާ ކަމެއް ކަމަށްވެސް ގާނޫނީ ވަކީލުންނާއި، މަދަނީ ޖަމްއިއްޔާތަކާއި، ދީނީ ޖަމާއަތްތަކުން ހުށަހެޅި މައްސަލާގައި ވެއެވެ.

ފްރާންސް ސަރުކާރުން ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި، ހައްގުތައް ކަށަވަރުކޮށްދޭ އެހެން ގާނޫނުތަކާއި މުއާހަދާތަކަށް އަމަލުކުރާކަން ކަށަވަރު ކޮށްދިނުމަށް އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ގޮވާލާފައި ވެއެވެ.