ލުބްނާނުގައި ހަރަކާތްތެރިވާ އަސްކަރީ ވަރުގަދަ ޖަމާއަތެއް ކަމުގައިވާ ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދޭން ފަށައިފިއެވެ.

ހިޒްބުﷲ އިން ހަމަލާ ދީފައި ވަނީ އިޒްރޭލުގެ ދެކުނު އިރުމަތީގައިވާ އަސްކަރީ ޕޯސްޓްތަކަށެވެ. ހަމަލާތަކުގެ މާބޮޑެތި ތަފްސީލްތަކެއް އިޒްރޭލުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އަލްޖަޒީރާއިން ބުނެފައި ވަނީ ހިޒްބުﷲ އިން ދިން ރޮކެޓް ހަމަލާތަކުގައި އިޒްރޭލުން ބިނާ ކޮށްފައިވާ ފެންސްތަކެއް ހަލާކުވެފައިވާ ކަމެވެ. އަދި އަސްކަރީ ޕޯސްޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދީފައި މިވަނީ ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތާ އެހެނިހެން ޖަމާއަތްތައް ގުޅިގެން ހައިރާން ކުރުވަނިވި އިޒްރޭލަށްދިންތާ އެއްދުވަސް ފަހުންނެވެ.

މުޖާހިދުންގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުގެ ސަހްޔޫނީ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް މިހާތަނަށް ދިން ހަމަލާތަކުގައި ހަސަތޭކައަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލުގެ 300 އެއްހައި ޔަހޫދީން ވަނީ މަރުވެފައެވެ.