އިޒްރޭލު ދިފާއު ކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް އެމެރިކާއިން ކުރާނެ ކަމަށް އެމެރިކާގެ ރައީސް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
ބައިންޑަން މިމޭރުމުން ވާހަކަފުޅު ދެއްކެވީ ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ މުޖާހިދުންގެ އާދަޔާޚިލާފް ރޭވުންތެރި ވަރުގަދަ ހަމަލާއެއްގައި އިއްޔެ މުޅި އިޒްރޭލު ހުއްޓުމަކަށް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.
ފަލަސްތީނުގެ މުޖާހިދުން ދިން ހަމަލާއާ ގުޅޭ ގޮތުން ވައިޓްހައުސްގައި ޓީވީ މެދުވެރިކޮށް ދެއްވި ހިތާބުގައި ބައިޑަން ވިދާޅުވީ "އެމެރިކާ އޮތީ އިސްރާއީލާއި ބުރަކަށި ޖައްސައިގެން އިޒްރޭލުގެ ދިފާއުގައި" ކަމަށެވެ.
"އިޒްރޭލުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ލިބިފައިވާކަން ކަށަވަރުކޮށްދޭނަން، އަދި އެމީހުންގެ ދިފާއުގައި ދެމިތިބެވޭނެ" ބައިޑަން ވިދާޅުވި އެވެ.
ބައިޑަން ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާހަކަ ދެއްކެވި ކަމަށާއި، އިސްރާއީލުގެ ސަލާމަތަށް އޭނާގެ ވެރިކަމުން ދޭ ތާއީދަކީ "އެއްވެސް ވަރަކަށް ޖެހިލުން ނުވާ" އެއްބާރުލުމެއް ކަމަށެވެ.
އިޒްރޭލު ދިފާއު ކުރާނެ ކަމަށް ވިދާޅުވެ ބައިޑަން ވާހަކަފުޅު ދައްކަވާފައިވާއިރު، ފަލަސްތީނުގެ މައުސޫމް ރައްޔިތުންނާ ދެކޮޅަށް ކޮންމެ އަހަރަކު އިޒްރޭލުން އުދުވާންތައް ހިންގަނީ އެމެރިކާއިން އިޒްރޭލަށް ފޯރުކޮށްދޭ ހަތިޔާރާއި މާލީ އެހީ ބޭނުން ކޮށްގެންނެވެ. ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ޝަހީދުކޮށް އިޒްރޭލުން ޖަރީމާތައް ހިންގާއިރު، އދ. އިން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން އުޅޭ ކޮންމެ ފަހަރަކު އިޒްރޭލު ސަލާމަތް ކުރަނީ އެމެރިކާ ވީޓޯގެ ބާރު ބޭނުން ކޮށްގެންނެވެ.
އަސްކަރީ ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި ފަލަސްތީނު ބިމުގައި އިޒްރޭލަށް އޮވެވޭ މައިގަނޑު ސަބަބަކީވެސް އެމެރިކާއިން އިޒްރޭލުގެ ދިފާއުގައި ކުރާ މަސައްކަތުގެ ސަބަބުންނެވެ. އަދި އިޒްރޭލަކީ އަރަބި އިސްލާމީ ދުނިޔޭގައި އެމެރިކާއިން އިންދާފައިވާ ވިހަ އޮށެއް ކަމަށް އަރަބި އިސްލާމީ ދުނިޔޭގެ ޚަބަރުތައް ދިރާސާ ކުރާ ފުންނާބު އުސް މުޚައްލިލުން އެއްބަސްވެލައްވައެވެ.