އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން މަގުތަކަށް ނުކުންނަމުންދާތީ، ސަލާމަތީ ބާރުތަކުން ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން މަގުތަކަށް މި ނުކުންނަނީ ޖޯ ބައިޑެން ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔަތާ ދިމާކޮށް މުޒާހަރާކޮށް ހަޅުތާލު ކުރުމަށެވެ.

ރައީސް ޓްރަމްޕެކޭ އެއްގޮތަށް އޭނާގެ ސަޕޯޓަރުންވެސް ގަބޫލުކުރަނީ، ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލައި، އިންތިޚާބު ވަގަށް ނަގާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، މިހާތަނަށް ބައެއް ސްޓޭޓްތަކުގެ މަގުތަކަށް އަދި ނުކުމެފައިވަނީ މަދުބައެކެވެ.

އެހެން ނަމަވެސް، އެމެރިކާގެ 50 ސްޓޭޓްގައި ހުންނަ ޕާލަމެންޓް ނުވަތަ ކޮންގްރެސް އިމާރާތްތައް ވަށައިގެން، ސަލާމަތީ ބާރުތަކުން މިހާރުތިބީ ތައްޔާރީ ހާލަތުގައެވެ.

މީގެ ސަބަބަކީ، ސަރުކާރާ ދެކޮޅު ހަރަކާތަކުން އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވަރުގަދަ މުޒާހަރާތަކެއް ކުރާނޭ ކަމަށް ކުރި އިންޒާރުތަކާ ގުޅިގެންނެވެ. އެ ހަރަކާތުންވަނީ މީގެ ހަފްތާއެއްކުރިން އެކަމުގެ ޕްލޭންތައް އިއުލާންކޮށްފައެވެ.

ބައިޑެން ހުވާކުރައްވާ ދުވަހު، ބޮޑެތި ހަމަނުޖެހުންތައް ހިންގަން އަދި ހަތިޔާރުވެސް ބޭނުންކޮށްފާނެކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފްބީއައި އިން އިންޒާރު ކުރުމާ ގުޅިގެން، އެމެރިކާގެ ގިނަ ސްޓޭޓްތަކުން މިހާރުވަނީ ނޭޝަނަލް ގާރޑްވެސް އެކްޓިވޭޓް ކޮށްފައެވެ.

ޚާއްސަކޮށް ރިޔާސީ އިންތިޚާބު އެންމެ ވާދަވެރިކޮށްދިޔަ ސްޓޭޓްތަކުގައި ހުރި ކެޕިޓޮލް އިމާރާތްތައް ކައިރީގައި ސަލާމަތީ ފިޔަވަޅު ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި ވެއެވެ. ރިޔާސީ އިންތިޚާބު އޮޅުވާލި ކަމަށް ރައީސް ޓްރަމްޕް އެންމެބޮޑަށް ތުހުމަތު ކުރައްވަނީ އެ ސްޓޭޓްތަކަށެވެ.