އަފްޤާނިސްތާނުގެ ހުޅަނގުގައި އޮންނަ ހީރަތު ޕްރޮވިންސަށް އިއްޔެ ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 2،053 މީހުން މަރުވެ 9،240 މީހުން ޒަޚަމްވެފައިވާ ކަމަށް އަފްޤާނިސްތާނުގެ މިނިސްޓްރީ އޮފް ޑިޒާސްޓާއިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ޑިޒާސްޓަރގެ ތަރުޖަމާނު ޖަނާން ސަޔީޤް ވިދާޅުވީ ރިކްޓަރ މިންގަނޑުން 6.3 ގެ ބާރު މިނުގައި ކުރިމަތިވި މިބިންހެލުމުގެ ހާދިސާގައި 1320 ގެ މުޅިން ހަލާކުވެ އާއިލާތައް ހާލުގައި ޖެހިފައިވާ ކަމަށެވެ.

އަފްޤާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ސަރުކާރާ ހަވާލާދީ އަލްޖަޒީރާއިން ބުނީ މިހާދިސާގައި ވީނުވީއެއް ނޭނގި ގެއްލިގެން އެތައްބަޔަކު ހޯދަމުން އަންނަ ކަމަށެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވެގެން ދިޔުމަކީ ވަރަށް ކައިރި ކަމެއް ކަމަށެވެ.

އަފްޤާނިސްތާނަށް ބާރުގަދަ ބިންހެލުމެއް ކުރިމަތިވި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި މިވަނީ، ތުރުކީ އާއި ސީރިޔާއަށް ބާރުގަދަ ބިންހެލުމެއް ކުރިމަތިވެ ބައިލައްކައަށްވުރެ ގިނަ މީހުން މަރުވިތާ އަހަރެއްހައި ދުވަސް ފަހުންނެވެ. އަދި މީގެ މަހެއްހައި ދުވަސް ކުރިން މޮރޮކޯއަށް ބާރުގަދަ ބިންހެލުމެއް ކުރިމަތިވެ ތިންހާހެއްހައި މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިފައި ވަނިކޮށެވެ.