ފަލަސްތީނުގެ މުޖާހިދުން އިޒްރޭލަށް މީގެ ދެދުވަސް ކުރިން ފެށިގެން ދޭން ފެށި ކުއްލި ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުގެ 700 އެއްހައި މީހުން މަރާލައިފި ކަމަށް ރޮއިޓަރސްއިން ބުނެފިއެވެ.

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޔަހޫދީ ދައުލަތާ ދެކޮޅަށް ހަނގުރާމަ ފެށި ފަލަސްތީނުގެ މުޖާހިދުން ދެމުން އަންނަ ހަމަލާތަކަކީ 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އިނގިރޭސިންނާއި އެމެރިކާ އަޑީގައި ތިބެގެން އިޒްރޭލް އުފެއްދިފަަހުން އިޒްރޭލަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހަމަލާތައް ކަމަށް ޔަހޫދީ ސިފައިން ބުނެއެވެ.

ފަލަސްތީނުގެ މުޖާހިދުން ވަނީ އިޒްރޭލުގެ ސިފައިންނާއި އާންމުންގެ ތެރެއިން 100 އެއްހައި މީހުން ހައްޔަރު ކޮށްފައިކަމަށްވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަދި ހައްޔަރު ކޮށްފައިތިބި ޔަހޫދީން ދޫކޮށްލާނީ، އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި 4،000 އެއްހައި ފަލަސްތީނު ރައްޔިތުން ދޫކޮށްލުމުން ކަމަށް ފަލަސްތީނުގެ މުޖާހިދުން ގެންދަނީ ބުނަމުންނެވެ.

މުޖާހިދުންގެ ހަމަލާތަކަށް ބަދަލު ހިފުމަށް ޔަހޫދީ ސިފައިން މިހާތަނަށް ޣައްޒާއަށް ދިން ހަމަލާތަކުގައި 400 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި އެއްއާއިލާއަކުން 22 މީހުން ޝަހީދު ވިއެވެ.