ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތް އިސްވެ އޮވެ މީގެ ދެދުވަސް ކުރިން އިޒްރޭލަށް ދޭން ފެށި ވަރުގަދަ ހަމަލާތަކުގެ ސަބަބުން ބިރުން އިޒްރޭލު ދޫކޮށް އެހެން ގައުމުތަކަށް ދިޔުމަށް ގިނަ އަދަދެއްގެ ޔަހޫދީން ތެލްއަވީވްގައި ހުންނަ މައި އެއަރޕޯޓަށް ޖަމާވާން ފަށައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ ޔަހޫދީން ފުރަން އެއަރޕޯޓަށް އައިރު، ގިނަ އެއަރލައިންތަކުން ވަނީ އިޒްރޭލަށް ދަތުރު ކުރުން މިވަގުތަށް ހުއްޓާލައިފިއެވެ. މީގެ ތެރޭގައި އެމެރިކާ އެއަރވޭސް، ބްރިޓިޝް އެއަރވޭސް، އެމިރޭޓްސް، ރިޔަންއަރވޭސް ހިމެނެއެވެ.

ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން ތިބި ޔަހޫދީން، ތެލްއަވީވްގެ އެއަރޕޯޓް ތެރޭގައި ހާސްވެ ކަންބޮޑުވެގެން ކޮޅުކޮޅު މައްޗަށް ދުވާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ސޯޝިއަލް މީޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ހަމާސް ޖަމާއަތުން ވަނީ ރޭގެ ވަގުތެއްގައި ޔަހޫދީ ބަައެއް އެއަރޕޯޓްތަކަށް ރޮކެޓް ހަމަލާ ދީފައެވެ. މިހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލް އިޒްރޭލުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެންމެފަހުގެ ޚަބަރުތަކަށް ބަލާއިރު، ޔަހޫދީ ހައްދު ފަހަނައެޅި ސިފައިންނަށް އެހީތެރިވުމަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް އިޒްރޭލަށް ދަނީ ދަތުރު ކުރަމުންނެވެ.