އައްޑޫ ސިޓީގައި ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޯ ބެލުމަށް މާދަމާ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ރެންޑަމް ސާމްޕަލްތައް ނަގާނީ ފެރީތަކާއި ފިހާރަތައް ފަދަ ގިނަ ބަޔަކާ ބައްދަލުވާ މީހުން އުޅޭ ތަންތަނުން ކަމަށެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ މިއަދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ރެންޑަމް ސާމްޕަލްތައް ނަގަން އެދުނީ އެކައުންސިލުން ކަމަށެވެ.
އެގޮތަށް އެދުނީ ގއ. އަތޮޅުގެ ބައެއް ރަށްތަކުން ކޮވިޑްގެ ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، އެ އަތޮޅުގެ މީހުންނަކީ އައްޑޫ ސިޓީއަށް ދަތުރުކުރާ ބަޔަކަށްވާތީ ކަމަށް ސޯބެ ވިދާޅުވި އެވެ.
އައްޑު ސިޓީގެ ހުރިހާ އަވަށްތަކަކުން ވެސް ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އެ ސިޓީއަށް ކޮވިޑް ފެތުރުނަ ނުދިނުމަށް ކައުންސިލުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިއަދާ ހަމައަށް ވެސް އެ ސިޓީގައި އެ ބަލި ފެތުރިފައި ނުވަނީ އެ މަސައްކަތްތައް ކާމިޔާބުވުމުން ކަމަށް ސޯބެ ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ހިތަދު އަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށެވެ.