ދިވެހި ފިލްމީ ދުނިޔޭގައި މިހާރު އެންމެ ކާމިޔާބު އަދި މަޝްހޫރު ތަރި އަލީ ސީޒަން ދުވަސްކޮޅަކަށް ފިލްމީ މަސައްކަތްތަކުން "ބްރޭކެއް" ނަގަން ނިންމައިފިއެވެ.

ސީޒަން "މުނިއަވަސް" އަށް ބުނެފައި ވަނީ މިވަގުތު ދެން މަސައްކަތްތަކާ އަދި އެހެން ކަންކަންވެސް ހުރުމާއެކު އިހަށް ފިލްމީ މަސައްކަތުން ބްރޭކެއް މިވަގުތު ނަގަން ނިންމީ ކަމަށެވެ. އެހެން ނަމަވެސް މި "ބްރޭކަކީ" ފަހަރެއްގަވެސް އެއްކޮށް ފިލްމީ ދާއިރާއާ ވަކިވެގެންދިއުން ނޫން ކަމަށްވެސް ސީޒަން ވަނީ މުނިއަވަސްއަށް ބުނެފައެވެ.

ސީޒަން ބުނީ ދާއިރާއިން ވަކިވެގެން ދިއުމަކީ ފަސޭހަ ކަމެއް ނޫންކަމަށެވެ. އެތައް ޒަމާނެއް ވަންދެން އެއްކޮށް މަސައްކަތްކޮށްފައި ތިބި ހަމަ ވަރަށް ގާތް އެއްބަނޑު އެއްބަފާ އިހްސާސްކުރެވޭ ވަރަށް ބައިވަރު ފަންނާނުންތަކެއް އުޅޭއިރު އެހާ ފަސޭހައިން ދާއިރާ ދޫކޮށްލުމަކީ ވާނެ ކަމެއް ނޫންކަމަށް ސީޒަން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް، ސީޒަން ބުނެފައިވަނީ މިވަގުތު ކަންކަން ހުރިގޮތުން ފިލްމީ ދާއިރާއާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ޖެހިލުމުގެ ވިސްނުމުގައި މިވަގުތު ހުރި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު އިންތިހާބީ ރައީސް ގެ ކެމްޕޭންގެ ބައެއް އިވެންޓްތަކުން ވަނީ ސީޒަން ފެނިފައެވެ. އެހެންކަމުން، ސީޒަން ދުވަސްކޮޅަކަށް ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގަން ނިންމީ ކެންޕޭނަށްފަހު ދުވަސްކޮޅަކު ހަމަޖެހިލުމަށްޓަކައި ކަމަށް ބެލެވެއެވެ.