ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޭބަންދަށް ބަދަލު ކުރީ ސިއްހީ ހާލަތެއްގެ ސަބަބުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް (އެމްސީއެސް) އިން ވިދާޅު ވެއްޖެއެވެ.
އެމްސީއެސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ރައީސް ޔާމީން ގެއްށް ބަދަލު ކުރީ ސިއްހީ ހާލަތެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސިއްހީ ހާލަތާއިމެދު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ރައީސް ޔާމީން ގޭބައްދަށް ބަދަލު ކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުން ކަމަށް ޔުސްރީން ވަނީ ވިދާޅުވެފައެވެ.
މި ގާނޫނުގައި ސިއްހީ ހާލަތެއް ދިމާވެއްޖެ ނަމަ ގައިދީއަކު ގޭބަންދަށް ބަދަލު ކުރެވޭނެއެވެ. މި ގާނޫނުގައި ސިއްހީ ހާލަތެއް ގޮތުގައި ފާހަގަ ކޮށްފައި ވަނީ ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ނުކުޅެދޭ ބައްޔެއްހުރުން ނުވަތަ ރަނގަޅުވާނެ ކަމަށް ލަފާނުކުރެވޭ ނަފްސާނީ ބައްޔެއް ހުރުން ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ހުރުމެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިކަމަށް އެދިވަޑައިގަތްތާ މާ ގިނަ އިރެށް ނުވަނީހެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ޔާމީން ގެއަށް ބަދަލުކުރެއްވީ މި ދަނޑިވަޅުގެ މަސްލަހަތަށް ބައްލަވައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ ކަމަށެވެ.