މިހާތަނަށް މަސްތުވާތަކެތީގެ މައްސަލައެެއްގައި ކުރި އެންމެ ބޮޑު ޖޫރިމަނާއާ އެކު މަޝްހޫރު ބޮޑީ ބިލްޑަރު ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) އުމުރަށް ޖަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. ޝާންޓޭ ޖޫރިމަނާކޮށްފައި ވަނީ ފަސް ލައްކަ ރުފިޔާ އިންނެވެ.

ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދައްކަން އޭނާ އަށް އެ ހުކުމްގައި އަންގާފައިވެ އެވެ.

ޝާންޓޭ ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު ދެވަނަ ދުވަހުގެ ރޭ 10:30 ހާއިރު ހ. ސާމަރާގޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ހ. ސާމަރާގޭގައި ޝާންޓޭ ދިރިއުޅޭ ކޮޓަރި ފުލުހުން ބަލައި ފާސްކުރިއިރު، އެ ކޮޓަރީގެ ސްޓޮކް ރޫމް ތެރޭގައި ޓޭޕްއަޅައި ބަންދުކޮށްފައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އޮތް ޑަސްބިން ކޮތަޅެއްގެ ތެރެއިން ހަތް ޕެކެޓުގައި 6924.800 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

ޝާންޓޭގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކި ގަރީނާއިން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ޝާންޓޭގެ މައްޗަށް ސާބިތުވާ ކަމަށް އެ ހުކުމްގައިވެ އެވެ.