ރިސޯޓްތަކުގެ މޫދަށް ކުނިއަޅާ މައްސަލާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ދެއްކި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ މާފަންދު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރު ވިދާޅުވީ ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލި އަކަށް ހުއްޓުވައިފިނަމަ އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ އަށް ގެއްލުންވާނެ ކަމަށެވެ. ޚާއްސަގޮތެއްގައި އެކަމުގެ ގެއްލުންވާނެ އެއް ބަޔަކީ ސަފާރީ އޮޕަރޭޓަރުންނަށް ކަމަށް ނަޒީރު ވަނީ ވިދާޅުވެފަ އެވެ.
ނަރީޒު ވިދާޅުވީ އެކަން ހައްލު ކުރުމުގެ ގަވާއިދެއް ހަދައި އިންތިޒާމްތައް ހަމަޖައްސައި 30 ދުވަހުގެ މުހުލަތެއް ޓޫރިޒަމް އިންޑަސް ޓްރީއަށް ދޭން ޖެހޭ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓްގައި ބޮންޑޭ ވިދާޅުވީ ފަޅުރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫން ކަމަށެވެ. އަދި ކުނިމެނޭޖް ކުރުމާއި ކުނިނައްތާލާނެ ދުނިޔޭގައި ލެއްވި ހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިސޯޓްތަކުން ކަނޑަށް ކުނިއަޅާނަމަ، ޖޫރިމަނާކޮށް، ރިސޯޓް ބަންދުވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިސޯޓްތަކުން ކަނޑަށް ކުނިއަޅާ މައްސަލަ ހައްލު ކުރުމާ ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޓީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ވެމްކޯގެ އިސް ބޭފުޅުން ވެސް ބައިވެރިވި އެވެ.