މެލޭޝިޔާގައި ތައުލީމު ހާސިލު ކުރަމުން ދިޔަ ދިވެއްސަކު އިމާރާތެއްގެ 14 ވަނަ ފްލޯ އިން ވެއްޓި މަރުވެއްޖެއެވެ.

މިކަމާ ގުޅިގެން ހަލި ނޫހުން މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރީން ވިދާޅުވީ މެލޭޝިޔާގެ އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވެގެން އުޅޭ ކަމުގެ މައުލޫމާތު އެ މިނިސްޓަރީއަށް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭ ކަންތައްތައް ބަލަމުންދާ ކަމަށްވެސް މިނިސްޓަރީން ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރީން ވިދާޅުވީ މިއަށްވުރެ އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތްކަމަށެވެ.

ހަލި ނިއުސް އަށް ޔަގީންވެފައިވާ ގޮތުގައި (މެލޭޝިއާގެ އިންފްރާސްޓްރަކްޗަރ ޔުނިވަރސިޓީ ކުއާލަލަމްޕޫރު) އައިޔޫކޭއެލް ގައި އާކިޓެކްޗާ ކޯހުގެ ފައިނަލްއަހަރުގައި ތައުލީމު ހާސިލު ކުރަމުން ދިޔަ 22 އަހަރުގެ މި ޒުވާނާއަކީ އައްޑޫސިޓީ ހިތަދޫއަށް ނިސްބަތްވާ ޒުވާނެކެވެ.

ޒުވާނާ ވެއްޓިފައި ވަނީ ޔުނިވަސިޓީގެ ރަސްމީ ރެސިޑެންސް ހުންނަ ޔުނިޕާކް ކޮންޑޯގެ ސާދަ ވަނަ ފަންގިފިލާއިންނެވެ. މި ހާދިސާ ހިނގީ ރާއްޖެ ގަޑިން ހަވީރު 16:00 (މެލޭޝިޔާ ގަޑިން މިރޭ 19:00) ގައެވެ.