ސަހްޔޫނީ އިޒްރޭލުން ހިސާރުކޮށް ބޮމުގެ ހަމަލާ ދެމުން އަންނަ ފަލަސްތީނުގެ ޣައްޒާގައި ތެޔޮ ހުރީ ކުރިއަށް އޮތް 3 ގަޑިއިރަށް ބޭނުން ކުރެވޭ މިންވަރަށް ކަމަށް ފަލަސްތީނުގެ އެނަރޖީ އޮތޯރިޓީއިން ހާމަ ކުރައްވައިފިއެވެ.

ޣައްޒާއިން ތެޔޮ ހުސްވެއްޖެނަމަ ހޮސްޕިޓަލްތަކުގެ ޚިދުމަތް އެއްކޮށް ހުއްޓޭނެއެވެ. އަދި މުޅި ޣައްޒާއަށް ކަރަންޓުން މަހްރޫމްވާނެއެވެ. ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ގެންދަނީ ޣައްޒާއަށް ކާނާ އާއި ސިއްހީ ސާމާނު އެތެރެކުރެވެން ހުންނަ މަގުތައް ބަންދު ކުރަމުންނެވެ.

މުޅި ޣައްޒާ ހިއްސާރުކޮށް، 2.2 މިލިޔަނެއްހައި ފަލަސްތީނުގެ ރައްޔިތުން ޣައްޒާ ތެރޭގައި ބަންދުކޮށްގެން އިޒްރޭލުން އުޅޭތާ 16 ވަރަކަށް އަހަރުވެއްޖެެއެވެ. އިޒްރޭލުގެ ހިސާރަށް ކެތްނުކުރެވިގެން ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ މުޖާހިދުން އިޒްރޭލަށް ހަމަލާދޭން ފެށީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަމަރުކޮށްފައި ވަނީ ޣައްޒާ ސުންނާފަތި ވަންދެން ވައިގެ ހަމަލާތައް ދިނުމަށެވެ. އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމުގައި އދ. އާއި އަރަބި ދުނިޔެ ވަނީ ނުކުޅެދިފައެވެ.