ފަަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގެން ތިބި ސަހްޔޫނީ ޔަހޫދީންގެ ފަރާތުން އެ ގައުމުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކޮށްދެއްވައި ފަލަސްތީނަށް ނަސްރު ދެއްވުމަށް އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިއުމަށް އިސްލާމިކް މިނިސްޓަރީން އަންގައިފި އެވެ.
މިކަން އަންގާފައި ވަނީ ލޯކަލް ގަވަމަންޓު އޮތޯރިޓީއާއި ރާއްޖޭގެ ހުރިހާ ކައުންސިލުތަކަށް އިސްލާމިކް މިނިސްޓަރީން މިއަދު ފޮނުވި ސާކިއުލާއެއްގައެވެ.
އެސާކިއުލާގައި އެދިފައި ވަނީ ޣައްޒާއާއި ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ދެއްވުން އެދި، ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގަ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހުރަކުއަތުގެ އިއުތިދާލުގަ ގުނޫތު ނާޒިލާ ކިޔުމަށެވެ.
ގުނޫތު ނާޒިލާ އަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން އަޑު ހަރުކޮށް ކިޔަވާ ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ދުއާ އެކެވެ. ކޮވިޑްގެ ބަލިމަޑުކަމާއެކު ވެސް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވަނީ ގުނޫތު ނާޒިލާ ކިޔައިފައެވެ.