ސަހްޔޫނީ އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި ޝަހީދުވި މީހުން އަދަދު 1000 އަށް އަރައިފިއެވެ.

ޢައްޒާގެ ހެލްތު މިނިސްޓރީއިން ހާމަކުރި ގޮތުގައި އިސްރާއީލުގެ ޓެރަރިސްޓު ހަމަލާތަކުގެ ސަބަބުން މިހާތަނަށް 1،055 މީހުން ވަނީ ޝަހީދުވެފައެވެ.

އަދި ޒަހަމްވީ މީހުންގެ އަދަދު ވަނީ 5،184 އަށް އަރައެވެ.

އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ބޮންއެޅުމުގެ ސަބަބުން ޣައްޒާގެ ބޮޑުބައެއް މިހާރު ފެންނަނީ ސުންނާފަތިވެފައިވާ ތަނެވެ. ޣައްޒާގެ މުޅި ޖައްވަށްވަނީ ބޯ ދުން ފެތުރިފައެވެ. ރޭގައި އެކަނިވެސް އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާގެ 200 ވަރަކަށް ތަނަށް ބޮންއަޅާފައި ވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ވަނީ އާންމުން ދިރިއުޅޭ 22،600 ޔުނިޓާއި 10 ހޮސްޕިޓަލާއި، 48 ސްކޫލަކަށް ބޮންއަޅައި ހަލާކުކޮށްލާފައެެވެ.