ސީރިޔާގެ ވެރިރަށް ދިމިޝްގާއި އުތުރުގެ ސިޓީއެއް ކަމަށްވާ ހަލަބުގެ ވައިގެ ބަނދަރައް ސަހްޔޫނީ އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ހުރިހާ ހިދުމަތެއް މެދުކެނޑިފައިވާކަމަށް ސީރިޔާގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

ސީރިއާގެ އަސްކަރިއްޔާއިން ހާމަކުރައްވާފައިވާ ގޮތުގައި މިހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހަމަލާތަކާ ގުޅޭ ގޮތުން ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަސްކަރިއްޔާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވައިގެ ހަމަލާތައް ދީފައި މިވަނީ އީރާނުގެ ހާރިޖީ ވަޒީރު ސީރިއާއަށް ވަޑައިގެން އެ ސަރަހައްދުގެ ހާލަތާ ގުޅޭ ގޮތުން އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކޮށްލެވެއެވެ.

އިސްރާއީލުން ފާއިތުވި އަހަރުތަކުގައި ސީރިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ ދޭތެރެއިން ވައިގެ ހަމަލާތައް ދެއެވެ. އިޒްރޭލުގެ މައިގަނޑު ބޭނުމަކީ ސީރިއާގައި ހަރަކާތްތެރިވާ އިރާނުގެ އަސްކަރީ އޮފިޝަލުންނަށް ހަމަލާ ދިނުން ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އިޒްރޭލުން ސީރިއާގެ ވައިގެ ބަނދަރުތަކަށް ހަމަލާ ދީފައި މިވަނީ، ފަލަސްތީނުގެ ޣައްޒާއަށް ވައިގެ މަގުން ލާއިންސާނީ ހަމަލާދީތަކެއް ދެމުން ގެންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ހުރިހާ ދޮރުތަކެއް ބަންދުކޮށް، ޣައްޒާއިން ޒަރޫރީ ހުރިހާ ޚިދުމަތްތަކެއް އިޒްރޭލުން ވަނީ ނުގުޅައިގަނެފައެވެ.