ޓްރެފިކް އުސޫލްތަކާއި ހިލާފްވެގެން ކޮށްފައިވާ ޖޫރިމަނާތައް މައާފްކުރުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި 850 މީހުން ބައިވެރިވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ އެ ޕްރޮގްރާމަށް ލިބޭ ތަރުހީބު ބޮޑު ކަމަށާއި، މިހާތަނަށް 850 މީހުން އެ ޕްރޮގްރާމްގައި ބައިވެރިވެފައި ވާކަމަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތެއްވެސް 20 ގަޑިއިރު ފުރިހަމަ ކުރަންޖެހޭއިރު، ކްލާހެއްގައި 65 މީހުން ހިމެނުމަށް މަސައްކަތްކުރާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވިދާޅުވީ ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ހަމަޖެހިފައި ވަނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރި ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަރުމާކޮށް ކަނޑައަޅާ 20 ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށެވެ.

މިގޮތުން މި ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަ ވަނީ ދިވެހި ފުލުހުންގެ ހިދުމަތުން، 2 ހަފްތާއާއި 1 މަސްދުވަހަށްވުރެ ދިގު ނުވާނެ ގޮތަކަށެވެ.

ޓްރެފިކް ޖޫރިމަނާ ތަކަށް ލުޔެއް ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ނިންމަވާފައެވެ.