ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި ދިރިއުޅެމުން އަންނަ 1.1 މިލިޔަން ފަލަސްތީން ރައްޔިތުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އެސަރަހައްދުން ބޭލުމަށް ޒަޔޮނިސްޓް އިޒްރޭލުން ޔުނައިޓެޑް ނޭޝަންސް (އދ) އަށް މިއަދު އަމުރުކޮށްފިއެވެ.

އެމެރިކާ އާއި އިނގިރޭސިންގެ ހިމާޔަތުގައި ތިބެގެން އދ.ގެ ހުރިހާ ގާނުތަކަށް ގޮންޖަހާފައިވާ ޒަޔޮނިސްޓް އިޒްރޭލުން އދ.ގެ މައްޗަށް މިގޮތަށް އަމުރު ކޮށްފައި މިވަނީ އެއްގަމު މަގުން ޣައްޒާގެ އުތުރަށް ބަރު ހަތިޔާރާއެކު އަރައިގަތުމަށް ކަމަށް މުހައްލިލުން ވިދާޅުވެއެވެ. ފާއިތުވެދިޔަ 6 ދުވަހު އިޒްރޭލުން ވަނީ ޣައްޒާގެ އުތުރަށް ވައިގެ މަގުން 6000 އަށްވުރެ ގިނަ ބޮން އަޅައި ދެހާހެއްހައި ފަލަސްތީން ރައްޔިތުން ޝަހީދު ކޮށްފައެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެމެރިކާ އާއި އިނގިރޭސިން އަޑީގައި ތިބެގެން ފަލަސްތީނު ބިމުގައި 1948 ވަަނަ އަހަރު ޒަޔޮނިސްޓް އިޒްރޭލް ދައުލަތް ހެދުމަށްފަހު، ފަލަސްތީނުގެ ގިނަ ބިންތަކެއް އިޒްރޭލުން ވަނީ ފޭރިގެންފައެވެ. މިގޮތުން ފޭރިގަންނަ ބިންތަކުން ނެރެލެވޭ ފަލަސްތީނުގެ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުން އަންނީ ޣައްޒާގެ ރެފިއުޖީ ކޭމްޕަތަކުންނެވެ. މިދިޔަ 16 އަހަރު އިޒްރޭލުން ވަނީ ހުރިހާ ދިމާއަކުން ޣައްޒާ ހިސާރު ކޮށްފައެވެ.

ފަލަސްތީނަކީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމުގައިވާ މާތްވެގެންވާ މަސްޖުދުލް އަޤްސާ ނިސްބަތްވާ ބިމެވެ. ޒަޔޮނިސްޓް އިޒްރޭލުގެ މައިގަނޑު އަމާޒަކީ މަސްޖިދުލް އަޤްސާއަށް ވެރިވެގަތުމެވެ.