2024 ވަނަ އަހަރަށް އިންޓަނޭޝަނަލް މަނަޓަރީ ފަންޑް އަދި ވަރލްޑް ބޭންކް ގްރޫޕް ގެ ޗެއަރ އޮފް ދަ ބޯޑްސް އޮފް ގަވަރަނަރސް ގެ މަގާމަށް ހަވާލުވެ ވަޑައިގަތުމާއެކު، މިނިސްޓަރީ އޮފް ފިނޭންސް އަބްދުﷲ ޝާހިދު މޯލްޑިވްސް މަނަޓަރީ އޮތޯރިޓީ ގެ ގަވަރަނަރ އަލީ ހާޝިމަށް ތަހުނިޔާ ދަންނަވައިފިއެވެ.

އަބްދުﷲ ޝާހިދު، އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް އެމްއެމްއޭގެ ގަވަރުނަރު އަލީހާޝިމަށް ތަހުނިޔާ ދަންނަވާފައިވަނީ އެކްސް.ކޮމްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.

އެކްސްޕޯސްޓުގައި ޝާހިދު ވިދާޅުވީ، މިއީ ބައިނަލްއަގްވާމީ މައިދާނުގައި އެހެން ގައުމުތަކުން ދިވެހިރާއްޖެއަށް ކުރާ އިތުބާރުގެ ދަލީލެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ. ޝާހިދު ވަނީ މި މަގާމު ހޯދުމަށް ރާއްޖެއަށް ތާއީދުކުރި ހުރިހާ ގައުމުތަކަކަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ ގަވަރުނަރު އަލީހާޝިމަކީ އިހްލާސްތެރިއެއް ކަމަށެވެ. އަދި މި މުހިންމު ދަނޑިވަޅުގައި، ގަވަރުނަރު އަލީހާޝިމް އެ ޖަމުއިއްޔާތަކަށް ރަނގަޅު ފެންވަރެއްގައި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

"އެ މަނިކުފާނަކީ އިހްލާސްތެރިއެއް. އަދި މި މުހިންމު ދަނޑިވަޅުގައި އެ ޖަމުއިއްޔާތަކަށް ރަނގަޅު ފެންވަރެއްގައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެބައޮތް" އަބްދުﷲ ޝާހިދު

ގަވަރުނަރު ހާޝިމް (އައިއެމްއެފް)ގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ހޮވިވަޑައިގަތީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާއެކުގައެވެ.