ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ސަހްޔޫނީ އިޒްރޭލުން ހިންގަމުން އަންނަ ޢުދުވާންތައް ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދޭން ރަޝިޔާއިން ގޮވާލައިފިއެވެ.
ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރަޝިޔާއިން އިޒްރޭލަށާއި ހަމާސް ޖަމާއަތަށް ގޮވާލީ ރޭ ބޭއްވި އދ.ގެ ސެކިއުރިޓީ ކައުންސިލް ބައްދަލު ވުމުގައެވެ. ރަޝިޔާއިން ގޮވާލީ ޣައްޒާގައި މިވަގުތު ހާލުގައި ޖެހިފައި ތިބި މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އިޒްރޭލާއި ހަމާސް ޖަމާއަތުން ގޮތް ދޫކުރުމަށާއި އިންސާނީ އެހީ ފޯރުކޮށްދެވޭނެ ފުރުސަތު ފަހި ކޮށްދިނުމަށެވެ.
ސެކިއުރިޓީ ކައުންސިލް ބައްދަލުވުމުގައި ރަޝިޔާއިން ވަނީ، އިޒްރޭލުން ޣައްޒާއާ ދެކޮޅަށް އުދުވާން ހިންގުމުގައި އެހީތެރިވާކަމަށް ތުހުމަތުކޮށް އެމެރިކާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ރަޝިޔާގެ ރައީސް ޕުޓިން ރޭ މީޑިޔާތަކަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސް ޖަރުމަނުގެ ނާޒީން ޔަހޫދީންނާ ދެކޮޅަށް ހިންގިފަދަ އަނިޔާވެރި ޖަރީމާއެއް ކަމަށެވެ.