ސަހްޔޫނީ އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާން ކުއްވެރި ކުރައްވައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ދެއްކެވި ވާހަކަފުޅުތުގެ އަގުވަޒަން ކުރާ ކަމުގައި ޣައްޒާގައި ވެރިކަން ކުރަމުން އަންނަ އަދި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތުން ބުނެފިއެވެ.
ޓެލެގްރާމުގައި ހަމާސް ޖަމާއަތުން ނެރެނު ބަޔާނުގައި ބުނީ ޣައްޒާގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ އަނިޔާތަކަށް ފާޅުގައި ރަޝިޔާއިން ދެކޮޅު ހެދުމަކީ އަދި އިޒްރޭލުން ޣައްޒާ ހިސާރު ކޮށްފައި އޮތް އޮތުމަކީ ލާއިންސާނީ އަމަލެއް ކަމަށް ޕުޓީން ގަބޫލް ކުރެއްވުމަކީ އެޖަމާއަތަށް ލިބިގެންދާ ހިތްވަރެއް ކަމަށެވެ. އަދި ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ޖަރީމާތައް ހުއްޓުވުމަށް ރަޝިޔާއިން ކުރަމުން އަންނަ މަސައްކަތް ބަލައިގަންނަ ކަމަށްވެސް މިބަޔާނުގައި ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.
2007 ވަނަ އަހަރުން ފެށިގެން ޣައްޒާގެ ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތަށް އަދި ޣައްޒާއަށް ތާއީދުކޮށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކެވި ހަމައެކަނި ލީޑަރަކީ ޕޫޓިންއެވެ. ޕޫޓިން ވިދާޅުވެފައި ވަނީ ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންް އަންނަ ޖަރީމާއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ނާޒީން ޔަހޫދީން ހުސްކުރުމަށް ހިންގިފަދަ ގަތުލު އާންމެއް ކަމަށެވެ.
ޕޫޓިންވަނީ ފަލަސްތީނަކީ އަރަބީންގެ ބިމެއް ކަމަށް ބުނެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ހަމާލާތަށް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ފަލަސްތީނު-އިޒްރޭލް މައްސަލައަށް އޮތް ހައްލަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް ޤާއިމް ކޮށްދިނުން ކަމަށް ޕުޓީން ވަނީ ވިދާޅުވެފައެވެ.
ހައްދުފަހަނައެޅި ޔަހޫދީ އިޒްރޭލުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޣައްޒާއަށް ދިން ހަމަލާތަކުގައި 300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އިޒްރޭލުގެ ހަމަލާތަކުގައި އަނިޔާ ލިބޭ މީހުންނަށް ފަރުވާދެވޭނެ ގޮތެއް ޣައްޒާގެ ހޮސްޕިޓަލްތަކުގައި މިހާރަކު ނެތެވެ.