މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޓީމުތަކުން ވިޔަފާރި ކުރާ ތަންތަނަށް ޒިޔާރާތް ކުރަން ފަށައިފި އެވެ.
މީރާއިން ވިދާޅުވީ މި ހަރަކާތް ފެށި މިއަދު ފާހަގަކުރަމުން އަންނަނީ ”ކޮމްޕްލަޔަންސް ޑޭ“ އަށް ހާއްސަކޮށްގެން ކަމަށެވެ.
”ފަންސައާހި“ ގެ ނަމުގައި މީރާއިން ފަށާފައިވާ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތުގައި ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑި އަށް ޓެކްސް ބަޔާން ހުށަހެޅުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ އެވެ.
މީގެއިތުރުން މީރާއިން ވިދާޅުވީ ކަނޑައެޅިފައިވާ ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަކީ ފައިސާ ދައްކާ ފަރާތުގެ ”ކޮމްޕްލަޔަންސް ސްކޯ“ ރަނގަޅުވާ ކަމެއް ކަމަށެވެ. އެގޮތުން ސުންގަޑިއަށް ޓެކްސް ބަޔާނާއި ފައިސާ ދައްކާ ފަރާތްތައް މީރާއިން ފާހަގަކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ ލުއިތަކުގައި އެ ފަރާތަކަށް އިސްކަން ދޭނެއެވެ.
އަދި އެ ކުންފުނިން ވަނީ ހުރިހާ ވިޔަފާރިތަކުންވެސް ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.
މި ކެމްޕޭނުގެ ދަށުން، ޓެކްސް ބަޔާން ވަގުތަށް ހުށަހެޅުމަށް ބާރުއެޅުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާނެ އެވެ. އަދި ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވިޔަފާރި ހުއްޓާލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެކަން ކުރެވޭނެ އިންތިޒާމުވެސް މި ކެމްޕޭންގެ ދަށުން ފަހިކޮށްދޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ގޮތުން، އިނެކްޓިވް ޓެކްސްޕޭޔަރުންގެ ގޮތުގައި މީރާއަށް ފާހަގަވެފައިވާ ފަރާތްތަކަށް މީރާއިން އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީން އުނިކުރުމުގެ ފުރުސަތު ދޭނެ އެވެ. އަދި މި ކެމްޕޭންގެ ދަށުން ރަޖިސްޓަރީން އުނިވުމަށް އެދޭ ފަރާތްތަކަށް ޓެކުހާ ގުޅޭ ޖޫރިމަނާ މާފުކޮށްދިނުމަށްވެސް ނިންމާފައިވާކަމުގައި މީރާއިން ވިދާޅުވެފައިވެއެވެ.
މީގެ ކުރިންވެސް މީރާއިން ވިޔަފާރި ކުރާ ތަންތަނަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.