މޫސުން ގޯސްވުމުން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން، ހުދު ސަމާލު ނެރެފިއެވެ.

އެ ސަރަހައްދަށް ހުދުސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން މެންދުރުފަހު 17:30 އާ ހަމައަށެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހުދު ސަމާލު ނެރެފައިވާ ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ.

ރާއްޖޭ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، މޫސުމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުގައި ޢާންމު ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރައްވާފައެވެ.

އަދި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށާއި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރި ކަމުގެ ފިޔަވަޅުއެޅުމަށްވެސް މެޓުންވަނީ އިލްތިމާސް ކުރައްވާފައެވެ.