އަލަށް އަންނަ ކޮންމެ ސަރުކާރާއެކު ކުރިން ހުންނަ ކޮމިޝަނަރ އޮފް ޕޮލިސް ބަދަލުވާ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި އެކަން ކުރައްވާނެ ކަމަށް ބެލެވެނީ އަންނަ މަހު ނޮވެމްބަރު 11 ވަނަ ދުވަހުކަމަށް މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ވިދާޅުވި ހަބަރާ ގުޅިގެންނެވެ.

އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ހިދުމަތުން ތައުލީމީ، ގާބިލް އަދި ތަޖުރިބާ ލިބިފައި ތިއްބެވި ހިދުމަތްތެރިން ރިޓަޔާ ކުރަންޖެހޭ އުމުރު ހަމަނުވަނީސް ގައުމީ ހިދުމަތުން ރިޓަޔާ ކުރަންޖެހުމަކީ ފުލުހުންގެ ޚިދުމަތަށާއި ގައުމަށް އެންމެ ރަގަޅު ގޮތެއްނޫން ކަމަށެވެ.

އެހެންކަމުން ކޮންމެ ރައީސަކާއެކު ސީޕީ ބަދަލުވާ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރައީސް މުހައްމަދު ވަހިދުގެ ވެރިކަމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވީ ރިޔާޒްވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްއަކަށް ހުންނެވި ރިޔާޒް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވީ 08 ފެބްރުއަރީ 2012 ވަނަ ދުވަހުއެވެ.