މާލެއަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމަށް މިސަރުކާރުން ހުރަސް އެޅިނަމަވެސް އެމަނިކުފާނުގެ ސަރުކާރެއްގައި މާލޭ ރައްޔިތުން ބޭނުންވާ ކަންކަން ހަގީގަތަކަށް ހައްދައިދެއްވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ވުމާ ގުޅިގެން މާލޭގެ މޭޔަރުކަމުގެ ހައިސިއްޔަތުން ކައުންސިލްގެ މުވައްޒަފުންނާއި ވަދާއީ ބައްދަލު ކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ޑރ.މުއިއްޒު ވިދާޅުވީ 2021 ވަނަ އަހަރުގެ މެއި 17ގައި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރު ފަށްޓަވައިގެން މިހާތަނާ ޖެހެންދެން ކޮންމެ ކަމެއް ހަގީގަތަކަށް ވެގެންދިޔައީ މާލެ ސިޓީ ކައުންސިލްގެ ބުރަ މަސައްކަތުންކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ އަދި ދެވަނަ ބުރުގައިވެސް މާލޭގެ ރައްޔިތުން ވޯޓު ދެއްވި މައިގަނޑު ސަބަބަކީވެސް، މާލޭގެ ކަންކަން ފުރިހަމައަށް ކުރެއްވުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރެއްވި މިންނެތް މަސައްކަތް ކަމަށްވެސް ޑރ މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ދެ އަހަރާ މަސްތަކެއް ވަންދެން މާލޭގެ ކަންކަން ރަނގަޅަށް ގެންދިއުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ގިނަ ގޮންޖެހުންތައް ކުރިމަތިވެގެން ދިޔަކަމަށެވެ. އަދި އެގޮންޖެހުންތައް އެގޮތަށް ނައިނަމަ މާލޭގެ ކަންތައްތައް ހުންނާނީ މާ ފުރިހަމައަށް ވެފައި ކަންވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މާލެއަށް ގިނަގުނަ ކަންކަން ކުރައްވަން ބޭނުންފުޅުވިކަމަށާއި، ނަމަވެސް މާލޭގެ ކަންކަން ކުރުމުގައި އެންމެ ފަހު ހުއްދަ ދޭންޖެހޭ ބޭފުޅުން އެ ހުއްދަތައް ނުދެއްވުމުގެ ސަބަބުން، ކައުންސިލަށް ވީވަރުން ކަންކަން ކުރެއްވީކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން މާލެއަށް ކަންކަން ކުރުމަށް ކައުންސިލަށް އެއްބާރުލުން ނުދިންނަމަވެސް، މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި މާލޭ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.