ބޭރުގެ ބަނދަރުތަކުން އައްޑޫއަށް މުދާ އުފުލުމަށް ގަތް ބޯޓު "އެމްއެސްއެސް އޯޕަލް"އިން މުދާ ހިފައިގެން އައްޑޫގައި ބަނދަރުކޮށްފިއެވެ.

މިއީ އައްޑޫ ސިޓީއަށް ބައިނަލްއަގުވާމީ ބަނދަރުތަކުން މުދާ އެތެރެކޮށް ބައިނަލްއަގުވާމީ ބަދަރުތަކާ ގުޅާދިނުމުގެ ގޮތުން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަތް ބޯޓެކެވެ. "އެމްއެސްއެސް އޯޕަލް"ނަމުން ނަން ދީފައިވާ ބޯޓުގެ ފުރަތަމަ ދަތުރުގައި އައްޑޫގެ ސަރަހައްދީ ބަނދަރުގައި، މިވަނީ ބަނދަރުކޮށްފައެވެ.

އައްޑޫއަށް މުދާ ގެންދާނީ މާލެ ކޮމާޝަލް ބަނދަރަށް ޓްރާންސިޓް ކުރުމަށްފަހުއެވެ.

މި ބޯޓުގެ ދަތުރުތައް ފަށާފައިވާއިރު، ދަތުރުތަކަށް ބުކް ކުރުމުގެ ފުރުސަތު މިހާރު އެ ކުންފުނިން ވަނީ ހުޅުވާލައިފަ އެވެ. އަދި ކޮންމެ 10 ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ، މާލެ ރޫޓުގަ އެވެ.

އެމްއެސްއެސްއިން ބުނީ އޯޕަލް އަކީ 105 ކޮންޓެއިނާ އުފުލޭ ބޯޓެއް ކަމަށެވެ. އެ ބޯޓަކީ ކްރޭން ހަރުކޮށްފައިވާ އުޅަނދެކެވެ. އަދި މިކަމުގެ ސަބަބުން ހިތަދޫ ޕޯޓް ލިމިޓެޑުގެ ދަށުން ހިންގާ ސަރަހައްދީ ބަނދަރުގައި ކްރޭން ނެތުމުގެ ސަބަބުން މުދާ ބޭލުމުގައި ދިމާވާ ދަތިތަކަށް ވެސް ހައްލު ލިބޭނެ އެވެ.