އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މި ކަން ހާމަކުރެއްވީ އިންތިގާލީ މަރުހަލާއާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުހައްމަދު ފިރުޒުލް އެވެ.

މި ބައްދަލުވުމުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލުމުގެ މަސައްކަތަކަށް އަށް މެމްބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ. މިއީ އިންތިހާބީ ރައީސް ހުވާކުރެއްވުމަށްފަހު ކޮމިޓީ އެކުލަވާލައިގެން ބަޖެޓް މަސައްކަތް ކުރުމަށް ވަގުތު ނޯންނާނެތީ މިހާރު އެކުލަވާލެއްވި ކޮމިޓީއެކެވެ.

މި ބަޖެޓް ކޮމިޓީގެ ޗެއާއަކަށް ހަމަޖައްސާފައި ވަނީ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. އޭގެ އިތުރުން މި ކޮމިޓީގައި މެންބަރުންގެ ގޮތުގައި ހިމެނެނީ:

  • ކުރީގެ ފައިނޭންސް މިނިސްޓަރު އަހުމަދު މުނަންވަރު
  • އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލުއީޒް
  • ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
  • ކުރީގެ ޕެންޝަން އޮފީހުގެ ބޯޑު މެމްބަރު އަބްދުލް ހަލީމް އަބްދުއްލަތީފް
  • ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު
  • ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫން
  • ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު

އަންނަ އަހަރުގެ ބަޖެޓަށް އިންތިހާބީ ރައީސްގެ އޮފީހުން ހުށަހަޅާ ވަކި އަދަދެއް އަދި ދަންނަވަން ދަތި ކަމަށް ވެސް މިބައްދަލުވުމުގައި ފިރުޒުލް ވަނީ ވިދާޅުވެފައެވެ.