ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދާދި ދެންމެ ހަމަލާތަކެއް ފޮނުވާލައިފިއެވެ.

ހަމާސް ޖަމާއަތާއި ހިޒްބުﷲގެ ހަމަލާތަކެއް އިޒްރޭލަށް އަމާޒުވިކަން އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެއްބަސްވެފައެވެ. ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސްގެ ރޮކެޓް ހަމަލާތައް އަމާޒުވީ އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށެވެ. ރޮކެޓް ހަމަލާތަކުގައި ލިބުނު ގެއްލުން އިޒްރޭލުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ހިޒްބުﷲ އިން ފޮނުވާލީ އެންޓި ޓޭންކް 9 މިސައިލެވެ. މިހަމަލާތަކުގައި އެކަކު މަރުވި ކަމަށް އިޒްރޭލުގެ ނޫސްތަކުން ބުނެއެވެ. އެއީ އާންމުންގެ މީހެއް ކަމެއް ނުވަތަ އަސްކަރިއްޔާގެ މީހެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ހިޒްބުﷲގެ މިސައިލް ހަމަލާތަކާއި ގުޅިގެން އިޒްރޭލުން ވަނީ އިޒްރޭލާއި ހިޒްބުﷲ ގުޅޭ ބޯޑުރުން ފެށިގެން 4 ކިލޯމީޓަރުގެ ސަރަހައްދެއް ބަންދުކޮށްފައެވެ.

ހިޒްބުﷲގެ ހަމަލާތަކެއް އިޒްރޭލަށް އަމާޒުވެފައި މިވަނީ، ޣައްޒާއަށް ނޭރުމަށާއި އަރައިފިނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމަށް އިރާނުން އިންޒާރު ކޮށްފައި ވަނިކޮށެވެ. ހިޒްބުﷲ ޖަމާއަތާއި ހަމާސް ޖަމާއަކީ އިރާނުން މަދަދުދޭ ދެޖަމާއަތެވެ.