ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ގިނަ މަގާމުތަކެއް އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަކޮށް އެޕާޓީގެ އެކި މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ. މި ފުރުސަތު ހުޅުވާލީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިންނެވެ.

އެޕާޓިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދް ބަަޝީރު ވިދާޅުވީ އަންހެނުންނާއި ޒުވާނުންނަށް ޕާޓީގެ ތެރެއިން ގައުމީ ފެންވަރުގައާއި، ކޮންމެ އަތޮޅެއްގައި އަދި ކޮންމެ ސިޓީއެއްގައި މަގާމުތަކެއް ހާއްސަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ލީޑާޝިޕްގެ ގިނަ މަގާމުތަކެއް އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަކުރެވިފައިވާ ކަމަށް ބަޝީރު ވިދާޅުވި އެވެ.

މީގެއިތުރުން ބަޝީރު ވިދާޅުވީ ޑިމޮކްރެޓްސް އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ކުރިމަތިލާން ފޯމު ފުރުމަށްފަހު ފޮނުވާއިރު އެ ކެނޑިޑޭޓަކަށް ތާއީދުކުރާ އަދި އަތޮޅެއް، ސިޓީއެއް، ރަށެއް ނުވަތަ ދާއިރާއަކަށް ނިސްބަތްވާ، މަދުވެގެން 20 ޑިމޮކްރެޓެއްގެ ނަމާއި މައުލޫމާތު ތާއީދު ފޯމު މެދުވެރިކޮށް ހުށަހަޅަންޖެހޭ ކަމަށެވެ.

އަދި ދާއިރާތަކުގެ ހިންގާ ކޮމިޓީއެއް ޑިމޮކްރެޓްސްގައި ނޯންނާނެ ކަމަށާއި އޭގެ ބަދަލުގައި އޮންނާނީ ދާއިރާ ރައީސްއެއް ކަމަށެވެ.

މި ފުރުސަތު އަންނަ މަހުގެ 15ގެ ނިޔަލަށްޕާޓީއަށް ވަންނަ ކޮންމެ މެމްބަރަކަށް މަގާމުތަކަށް ކުރިމަތިލެވޭނެ ކަމަށްވެސް އެނާ ވަނީ ވިދާޅުވެފައެވެ.