ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް ފުރަތަމަ ދުވަހުވެސް 120 އަށްވުރެ ގިނަ މެސެޖު ފޮނުވައިފިއެވެ.

އިއްޔެ މެސެޖު ފޮނުވަން ފަށާފައިވާއިރު، ފުލުހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 6:30ން ފެށިގެން 24ގަޑިއުރު ތެރޭގައި ވަނީ ނަސޭހަތުގެ 120 މެސެޖު ފޮނުވައިފައެވެ.

ބުރިޖުގައި ދުއްވަން ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އަދި އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭގޮތަށް އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ފޯނު ނަންބަރަށް މެސެޖު ފޮނުވަން ފެށީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިންނެވެ.

އުޅަނދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ދެނެގަންނަނީ ބުރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމެރާތައް މެދުވެރިކޮށެވެ.