އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ މެނޭޖްމަންޓުން ހައްލު ނުލިބިފައިވާ ގިނަ މައްސަލަތަކެއް ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް އެ މަދަރުުސާގެ ބެލެނިވެރީންގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
އެޑިއުކޭޝަނަށް ހުށައެޅި ޕެޓިޝަނުގައި އަރަބިއްޔާގެ 170 ބެލެނިވެރީން ވަނީ ސޮއިކޮށްފައެވެ. އެ ސްކޫލުގައި ނުވަ ސަތޭކައާ ގާތް ކުރާ އަދަދަކަށް ދަރިވަރުން ކިޔަވަމުން ދެއެވެ. އެހެންނަމަވެސް އައު ޕީޓީއޭ އެކުލަވާލުމަށްފަހު ދެމަސް ދުވަސް ވާން ކައިރިވެފައި ވާއިރު އަދިވެސް އެއްވެސް ބައްދަލުވުމެއް ބޭއްވިފައި ނުވާ ކަމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފައެވެ.
ސްކޫލު ބޯޑުގެ ބައްދަލުމެއް ބާއްވައި ދިނުމަށް އެދި ޑެޕިއުޓީ ޕްރިންސިޕަލްގެ އަރިހުގައި އެދޭތާ ދެތިން މަހާ ކައިރިވެފައިވާ ކަމަށާއި އެހެންނަމަވެސް އެކަމުގައި އެކަށީގެންވާ މިންވަރާ ގާތަށް ވެސް އެއްބާރުލުން ނުދެއްވާކަމަށް ޕެޓިޝަނުގައި ބުނެފައިވެެއެވެ. ގިނަ ފަހަރު މެސެޖުތަކަށް ވެސް ޖަވާބު ނުދެއްވާ ކަމަށް ޕެޓިޝަނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި ސްކޫލްގެ ޓީޗަރުންނާއި ފޮތްތައް ވެސް ހަމަވެފައި ނުވެއެވެ. އޭގެ އިތުރުން ސީނިއާ މެނޭޖްމަންޓްގެ އިސް ބައެއް މަގާމުތައް ހުރީ ހުސްކޮށް ކަމަށްވެސް ބުނެފައިވެއެވެ. ސްކޫލު ގައި ކިޔަވައި ދެވޭ ދުވަސްތަކަށް ވުރެ ކުޅިވަރާއި އިރުތު ހަރަކާތްތައް އިތުރުވެފައިވާ ކަމަށާ އޭގެ ސަބަބުން އެތައް ފިލާވަޅެއް މަޑުޖެހި ފަސްވެގެން ގޮސްފައިވާ ވާހަކަވެސް ވަނީ ޕެޓިޝަނުގައި ބުނެފައެވެ.
ސްކޫލްގެ ކަންކަން ރޭވި ހިނގަމުން ދަނީ އެއްވެސް އިންތިޒާމެއް ނެތި މިވަގުތު ސީނިއާ މެނޭޖްމަންޓުގައި އިންނަވާ އެންމެ ފަރުދެއްގެ ވިސްނުންފުޅަށް ކަމަށް ވެސް ޕެޓިޝަންގައި ވެއެވެ.
ބެލެނިވެރީންގެ ޕެޓިޝަންގައި އެދިފައި ވަނީ ޕީޓީއޭ އާއި ސްކޫލް ބޯޑުގެ ބައްދަލުވުންތައް އޭގައި ހިމެނޭ މެންބަރުން އެދޭ ގޮތަށް ލަސްނުކޮށް އަންނަ ހަފްތާގައި ބާއްވާ ދިނުން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލަށް އަންގައި ދިނުމަށެވެ.
ސްކޫލު ހިންގުމުގައި ބެލެނިވެރިންގެ ތެރެއިން އިންތިހާބު ވެފައިވާ މެންބަރުންނާ ގުޅިގެން ނަފުރަތާ ދުރު، އެކުވެރި މާހައުލެއްގައި ސްކޫލުގެ ކަންކަން ހިންގާ ދިނުމަށް އަންގައި ދިނުމަށްވެސް ޕެޓިޝަނުގައި ބެލެނިވެރިން އެދިފައިވެއެވެ.