މިއަހަރު އާސަންދައިގެ ޚަރަދު 2.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.
ފިނޭންސް މިނިސްޓަރީން ނެރުނު ފިސްކަލް ހިރާސް ރިޕޯޓްގައި ބުނެފައިވަނީ ފާއިތުވި ދެއަހަރު އާސަންދައިގެ ހަރަދު އަހަރަކު އެވަރެޖްކޮށް 27.2 އިންސައްތައިން އިތުރުވެފައިވާއިރު، މިއަހަރު އާސަންދައިގެ ހަރަދު 2.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އިސްލާހީ ފިޔަވަޅު ނާޅާނަމަ މެދުރާސްތާގައި އަހަރަކު އެވަރެޖްކޮށް 6.8 އިންސައްތައިން އިތުރުވަމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ފިނޭންސްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެ ރިފޯޓްފައި ބުނެފައިވާ ގޮތުން އާސަންދައިގެ ހަރަދު ދެމެހެއްޓިނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް މިހާރު ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމްއާ ގުޅިގެން ބަލްކް ޕްރޮކިއުމަންޓް އުސޫލުން ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ އަގުތަކާއި އާސަންދައިން ބޭހަށް ކުރާ ހަރަދު ކުޑަކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
އެހެން ނަމަވެސް ބޭހާއި ސިއްހީ ހިދުމަތްތަކުގެ އޯވަރ، ކޮންސަމްޕްޝަން އާއި ހިދުމަތް ހޯދުމުގައި ކުރިމަތިވާ މޯރަލް ހެޒަރޑް މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމުގެ ގޮތުން 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އާސަންދަ ނިޒާމުގެ ކަމަރޭޖް ބަދަލުކުރުމަށް ހުށަހަޅާފައިވާ ކަމަށްވެސް ފިސްކަލް ހިރާސް ރިޕޯޓްގައި ބުނެފައިވެއެވެ.
މި ބަދަލުގެ ސަބަބުން އިޖުތިމާއީ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ބުރައެއް ނުޖެހި، ސިއްލީ ހިދުމަތްތައް އޯވަރ-ކޮންސިއުމް ކުރުމަށް ހުރި އިންސެންޓިވްތައް ކޮންމެވެސް މިންވަރަކަށް ކުޑަކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
އާސަންދަ ނިޒާމަށް ގެންނަން ހުށަހަޅާފައިވާ މި ބަދަލާއެކު 2024 ވަނަ އަހަރުގެ ޖުމްލަ ހަރަދުން 267.9 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، މިކަމުން މެދުރާސްޓާގައި އާސަންދައިގެ ހަރަދު އިތުރުވާ ނިސްބަތް ދެމެހެއްޓިނިވި މިންގަނޑެއްގައި ހިފަހައްޓަން ބާރު ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.